17 Jun 2023, 12:48
"ހާދަ ދިގު އިންތިޒާރަކަށޭ މިއަދު ނިމުން މިއައީ... ދުވަހަކުވެސް ހިތަކަށް ނާރާ ލަޔާ އަހަރެންގެ މީހަކަށް ވެދާނެއޭ.... ތޭންކްސް..." ލަޔާލްގެ އަތަށް ފިތައިލަމުން ފިޒާލް ބުނެލިއެވެ. "ވާހަކައެއް އަހާލަންތަ؟... ލަޔާ ތެދަށް ޖަވާބު ދޭނަން؟..."
*********
"ކޮން ސުވާލެއް؟..." އެއްވެސް ޝައުގުވެރިކަމެއް ނެތް ގޮތަކަށް ލަޔާލް އަހައިލިއެވެ.
"ލަޔާގެ ލައިފްގަ އެއްވެސް އާދަޔާ ހިލާފު ކަމެއް ދިމާވިތަ؟..." ފިޒާލް ލަޔާލްގެ މޫނަށް ބަލައިލިއެވެ.
"އޭނ؟..." ލަޔާލްގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ.
"ބިރުންތަ ތިހުރީ؟..." ފިޒާލް ސަމާސާކޮށްލިއެވެ.
"ނޫން.." ލަޔާލް އަވަސް އަވަހަށް ބުންޏެވެ.
"އަދިވެސް ދެރަވެފަތަ ތިހުރީ؟.... މާދަން ދާންވާނެ ދޯ މަންމަ ކައިރިއަށް.... ލަޔާއަށް އެއްވެސް ކަމެއް މަނައެއް ނުވާނެ... ފުރިހަމަ މިނިވަންކަން އޮންނާނެ.... ލަޔާ ޖޮބަށް ދާން ބޭނުމިއްޔާ ވެސް ހަމަ ދާންވީ.... މަ ފޯސްއެއް ނުކުރާނަން އެއްވެސް ކަމަކަށް..." ލަޔާލްގެ މަޑުމައިތިރިކަމުން ފިޒާލަށް އުނދަގޫވިއެވެ.
ގޭތެރެއިން ލަޔާލްމެންނަށް މަރުޙަބާ ކީ ފިޒާލްގެ މަންމަ އާއި މާމައެވެ. ފިޒާލްގެ ގެއަށް ވަން ފުރަތަމަ ފަހަރު ކަމުން ލަޔާލަށް އެގޭގެ ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އާދައިގެ ފެންވަރަކަށް ހަދާފައިވާ އެގޭގެ ސިޓިންގްރޫމު ތަނަވަހެވެ. ސިޓިންގްރޫމުގެ އެއް ކަނެއްގައި ކަސްރަތުކުރެވޭނެހެން ބައެއް ސާމާނު ބަހައްޓާފައިވެއެވެ. އެއް ބިތުގައި ރީތި ޑިޒައިނަކަށް ހަދާލާފައިވާ ފޮތް ހަރުގަނޑު ލަޔާލަށް ވަރަށް ކަމުދިޔައެވެ. ފޮތް ހަރުގަނޑުގެ ކައިރީގައި ސްޓަޑީ ޓޭބަލް އަކާއި ދެގޮނޑިވެސް ބަހައްޓާފައި ހުއްޓެވެ. ފާރުގައި ހަރުކުރެވިފައިވާ ޓީވީގެ ތިރީގައި ހަދާފައިވާ ބޮޑު މަސްޓޭންކް ފެނި ލަޔާލް އަޖައިބުވިއެވެ. އެކިކުލަކުލައިގެ މަސްތަކުގެ ރީތި ހަރަކާތްތަކަށް ބަލަހައްޓައިގެން ލަޔާލަށް އިރުކޮޅަކު ހުރެވުނެވެ.
ގޭތެރެއަށް ވަދެވުމާއި އެކީހެން ފިޒާލް ލަޔާލްގެ އަތުން ދޫކޮށްލިއެވެ.
"ދަރިފުޅާ... މިގޭގަ ދަރިފުޅަށް ދަތިވާނެ އެއްވެސް ކަމެއް ނޯންނާނެ... މީ ހަމަ ދަރިފުޅުގެ ވެސް މަންމަ ކަމަށް ބަލައިގެން އުޅޭނީ އިނގޭ.... ދަތިވާ އެއްވެސް ކަމެއް އޮތިއްޔާ ކޮންމެ މީހަކު ކައިރީ ބުނެލިއަސް ކޮށްދޭނެ..." ލަޔާލްގެ ބުރަކަށީގައި ފިރުމާލަމުން ސާމިޔާ ބުންޏެވެ.
އެއަޑުގައިވި ގާތްކަމުން ލަޔާލްގެ ނުތަނަވަސްވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެންދިޔައެވެ.
"ދަރިފުޅާ ފިޒާލް... ލަޔާލް ގޮވައިގެން ދޭ އަވަހަށް ކޮޓަރިއަށް.... ވަރަށް ވަރުބަލި ވެސް ވެފައެއްނު ތިބޭނީ މިހާއިރު ވާއިރު... މަންމަމެން ވެސް މިދަނީ ދެން ނިދަން ވަންނަން..." ސާމިޔާ އެހެން ބުނުމަށްފަހު ގޮސް ކޮޓަރިއަށްވަނެވެ. ފިޒާލްގެ މާމަ ވެސް ދަނީކަމަށް ބުނެ ގޮސް ކޮޓަރިއަށް ވަނުމުން ލަޔާލާއި ފިޒާލް އެކަނިވިއެވެ.
"ނުދާންތަ ތިހުރީ؟..." ފިޒާލް ލަޔާލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
ލަޔާލް އަވަސް އަވަހަށް ބޯ ހޫރާލުމަށްފަހު ފިޒާލް އާއިއެކު ހިނގައިގަތެވެ. ދެން ވާނެ ގޮތެއް ނޭނގޭތީ ލަޔާލްގެ ހިތް، ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ.
ވަކި ހިސާބަކަށް ގޮސްފައި ފިޒާލް ހުއްޓުނެވެ. އަދި ލަޔާލްގެ ފުރަގަހުން ގޮސް ލޯމަތީގައި ފޮތިކޮޅެއް އައްސާލިއެވެ. ހާސްވީވަރުން ލަޔާލަށް ތެޅިގަނެވުނެވެ.
"ރިލެކްސް... އެބަ އަންނަން ވަރަށް އަވަހަށް.... މިތާ މަޑުކުރައްޗޭ އިނގޭ..." ފިޒާލް ލަޔާލްގެ ކަންފަތް ކައިރީގައި އެހެން ބުނެލުމުން އެއްވެސް ހަރަކާތެއް ގެންނަން ނޭނގިފައި ބަސްއަހާ ކުޑަކުއްޖަކު ފަދައިން ލަޔާލަށް ހުރެވުނެވެ.
ފިޒާލްގެ ޚަބަރެއް ނުވެ ގިނައިރުވުމުން ލަޔާލް ހާސްވާގޮތްވިއެވެ. ލޯމަތީ އައްސާފައިވަ ފޮތިގަނޑު ނަގަން ވެސް ކިތަންމެ ފަހަރަކު އޭނާގެ ހިތަށް އެރިއެވެ.
ލަޔާލް ސިއްސައިގެން ދިޔައީ ފަޔަށް ދިރޭއެއްޗެއް އެރިހެން ހީވުމުންނެވެ. ކުޑަކޮށް ހަޅޭއްލަވައިގަތުމަށްފަހު އޭނާ ދުއްވައިގަތެވެ. އެއާއިއެކު މީހެއްގެ ގައިގައި ޖެހި އަރިއަޅާލާ ގޮތްވިއެވެ. އެ ވަގުތު އެމީހެއްގެ ބާރުގަދަ ދެއަތުން ލަޔާލް ވެއްޓުނަ ނުދީ ހިފަހައްޓާލިއެވެ.
"އާލް..."
ލަޔާލްގެ ނޭފަތުގައި ޖެހުނު ލުއިލުއި ސެންޓްގެ ވަހާއިއެކު ބުނެވުނެވެ. އަވަސް އަވަހަށް ހަށިގަނޑު ސީދާކޮށްލަމުން އެއަތުގެ ތެރެއިން އޭނާ ދުރަށް ދިޔައެވެ. ލޯމަތީގައި އޮތް ފޮތިގަނޑު ނެގުމުން ލަޔާލަށް ދެފިޔަވަޅު ފަހަތަށް ޖެހިލެވުނީ ކުރިމަތީގައި ހުރި އަކިއަލް ފެނުމުންނެވެ. ހަމައެކަނި ސޯޓުކޮޅެއްގައި ހުރި އަކިއަލްގެ ބާމަތިފުޅާ ހަށިގަނޑު ފެނި، އެހެން ހުރިހާ ކަމެއްގެ މަތިން ލަޔާލް ހަނދާންނެތުނެވެ. އެއަތުގެ ތެރޭގައި ވުމަށް ހިތް އެދި ގޮވަން ފެށިއެވެ. އަކިއަލްގެ ދެލޮލުގެ ޖާދޫގައި ޖެހި ހައްޔަރުވުމުން އޭނާގެ ގާތަށް ދިޔުމަށް ލަޔާލަށް ފިޔަވަޅެއް އަޅާލެވުނެވެ.
"ބްރޯ..." ލަޔާލް ސިހުނީ ފިޒާލް އަކިއަލްއަށް ގޮވާލުމުންނެވެ.
ކުރިޔަށް އަޅާލި ފިޔަވަޅު ފަހަތަށް އަޅާލުމަށްފަހު، އޭނާ އަވަސް އަވަހަށް އަކިއަލްގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. އަކިއަލްގެ ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކު އަމިއްލަ ނަފުޞުގެ ލަގަން އަތުން ބީވެގެން ދާކަހަލަ އިޙުސާސެއް ލަޔާލަށް ކުރެވެއެވެ. އެކަމާ އަމިއްލަ ނަފުޞުދެކެވެސް އޭނާއަށް ރުޅި އާދެވުނެވެ. މީހެއްގެ އަނތްބެއްކަން ހަނދާން ނައްތާލައިގެން ނުވާނެކަން ލަޔާލަށް އެނގެއެވެ. ކަތި ފިޔަވަޅެއް އެޅުމުގެ ކުރިން ފިޒާލް އައުމުން ލަޔާލަށް ޝުކުރު ކުރެވުނެވެ.
"ލަޔާ.... މީޓް މައި ލިޓްލް ބްރޯ.... މިރޭ ބުނީމެއްނު ވަރަށް ޙާއްސަ ފަރާތަކާއި މީޓްކޮށްދޭނަމޭ.... މީ އެމީހަކީ..." ފިޒާލް އަނެއްކާވެސް އަކިއަލް ތައާރަފުކޮށްދިނެވެ.
ފިޒާލްގެ ވާހަކަތަކުން ނެގިމަޑުވެފައި ލަޔާލަށް ހުރެވުނީ އޭނާގެ ޝައްކު ޔަގީނަށް ބަދަލުވުމުންނެވެ. އަކިއަލް އާއި ފިޒާލް ވައްތަރުވި ސަބަބު ކައިވެނީގެ ކުރިން ލަޔާލަށް އެނގުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އަކިއަލްގެ ކުރިމަތީގައި އޭނާގެ ބޭބެގެ އަނތްބެއްގެ ގޮތުގައި ލަޔާލް އުޅޭނީ ކިހިނަކުން ހެއްޔެވެ؟
އަކިއަލް އޮޅުވާލަންވީ ސަބަބެއް ވިސްނާ ވިސްނާވެސް ލަޔާލަކަށް ނޭނގުނެވެ. އާއިލާއެއް ނެތްކަމަށް ބުނެ އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީތީ ލަޔާލް އަކިއަލްއަށް ކުރި އިތުބާރު އެކީހެން ފުނޑުފުނޑުވެގެން ދިޔައެވެ.
"މާބޮޑަށް ލަސްވީދޯ... ސަޕްރައިޒް އެއް ދޭށޭ އުޅުނީ.... އެކަމަކު ޕްލޮޕް ދޯ މިވީ...." އަތުގައި އޮތް މާބޮނޑި ލަޔާލަށް ދިއްކޮށްލަމުން ފިޒާލް ބުންޏެވެ. "ދެން އެހެން ފަހަރަކުން ސަޕްރައިޒް އެއް ދޭނަން އިނގޭ.... މައި ވައިފްގެ ގޮތުގައި ގެއަށް އައި ފުރަތަމަ ދުވަސްވީމަ ތަންކޮޅެއް ރަނގަޅަށް ވެލްކަމް ކުރެވޭތޯ މިއުޅުނީ..... އެކަމަކު އެކަމެއް ނުވި..... ސޮރީ ބިއުޓިފުލް..."
ރަތްކުލައާއި ހުދުކުލައިގެ ފިނިފެންމާތަކުން ތައްޔާރުކޮށްލާފައިވާ މާބޮނޑި ކިތަންމެހާވެސް ފުރިހަމައެވެ. މާބޮނޑީގައި ހިފުމުގެ ކުރިން ލަޔާލަށް ބަލާލެވުނީ އަކިއަލް އާއި ދިމާއަށެވެ. އޭރު އެތަނުން ދިޔުމަށް އަކިއަލް ހިނގައިގަނެއްޖެއެވެ. އަކިއަލްގެ ހިތުގައި އަޅަމުންދާނޭ ވޭން ލަޔާލަށް އިޙުސާސްކުރެވުނެވެ. އެހެންނަމަވެސް އެއީ އަކިއަލް އަމިއްލައަށް ލިބިގަތް ވޭނެކެވެ. އެކަމަކަށް ލަޔާލަށް ދެވޭނެ ފަރުވާއެއް ނެތެވެ.
ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފިޒާލް ދިއްކޮށްލި މާބޮނޑީގައި ލަޔާލް ހިފީ ހިނިތުންވެލަމުންނެވެ.
"ހިނގާ ރޫމްއަށް.... އަދި އޮތީ ބޮޑު ސަޕްރައިޒް..." ލަޔާލްގެ އަތުގައި ހިފައި ހިނގައިގަންނަމުން ފިޒާލް ބުނެލިއެވެ.
އޭނާގެ ތުންފަތުގައިވި ލާނެތް ހިނިތުންވުމުގެ ސަބަބުން ލަޔާލް ޖެހިލުންވާންފެށިއެވެ. ކިތަންމެ ބޭނުން ނުވި ނަމަވެސް ފިޒާލްއަކީ މިހާރު ލަޔާލްގެ ފިރިމީހާއެވެ. ފިރިމީހާ އެދޭ އެދުން ފުރިހަމަކޮށްދިނުމަކީ އަނބިމީހާއަށް ލާޒިމުކަމެކެވެ.
ކޮޓަރީގެ ދޮރާއި ހަމައަށް އެރުމަށްފަހު ފިޒާލް އޭނާގެ އަތްދަނޑި މައްޗަށް ލަޔާލް އުފުލާލިއެވެ. އަދި ލަޔާލްގެ މޫނުން ނަޒަރު ވަކިކޮށްލުމެއް ނެތި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ހުޅުވިގެންދިޔަ ދޮރާއިއެކު ފެނުނު މަންޒަރުން ލަޔާލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިސާހިތަކު ފިޒާލްގެ ގައިގައި އޭނާއަށް ބާރަށް ހިފަހައްޓާލެވުނެވެ. ލަޔާލަށް ވީގޮތްފެނި ފިޒާލް ވެސް ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެއާއިއެކު ފިޒާލްއަށް ވެސް ވީ ލަޔާލަށް ވީވަރެވެ.
(ނުނިމޭ)