18 Jun 2023, 10:49
ސޯޝަލް މީޑިއާ ކުންފުނި ޓްވިޓާގެ ވިޔަފާރި އަލުން ދިރުވައި އާލާކުރުމުގެ ގޮތުން އެ ކުންފުންޏަށް ގެންނަ ބަދަލުތަކުގައި އިސްކަންދޭނީ ވީޑިއޯ، ކްރިއެޓާ އަދި ކޮމާސް ޕާޓްނާޝިޕްތަކަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިމަހުގެ ފަސް ވަނަ ދުވަހު ޓްވިޓާގެ ސީއީއޯގެ ގޮތުގައި މަސައްކަތް ފެށި ލިންޑާ ޔަކަރިނޯ މިދިޔަ ބުރާސްފަތި ދުވަހު ޓްވިޓާގެ އިންވެސްޓަރުންނަށް ދެއްވި ޕްރެޒެންޓޭޝަނެއްގައި ވިދާޅުވީ، ސިޔާސީ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ޕޭމަންޓް ޚިދުމަތްތަކާއި މީޑިއާ ޕަބްލިޝަރުންނާ އެކު އެ ކުންފުނިން މިހާރު މަޝްވަރާތައް ބާއްވަމުން އަންނަ ކަމަށެވެ.
މިދިޔަ އޮކްޓޫބަރު މަހު އީލޯން މަސްކް ޓްވިޓާއާ ހަވާލުވުމާއެކު އެ ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އެތައް ހާސް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ އިރު، ކޮންޓެންޓް މޮޑަރޭޝަން ލަސްވާތީ ފާޑުކިޔުންތައް އަމާޒުވެ، ނުރަނގަޅު ކޮންޓެންޓާއެކު އިޝްތިހާރުތައް ފެންނަން ބޭނުން ނުވާ ގިނަ އިޝްތިހާރުކުރާ ފަރާތްތައް ޓްވިޓާ ދޫކޮށްލުން ހިމެނެއެވެ.
އެންބީސީ ޔުނިވާސަލްގައި އިޝްތިހާރު ވިއްކުމަށް ޒަމާނީ ބަދަލުތަކެއް ގެނައި ޔަކަރިނޯ ޓްވިޓާއަށް ގެނައުމަކީ، ޑިޖިޓަލް އިޝްތިހާރުތަކަކީ ޓްވިޓާއިން އިސްކަންދޭ ކަމެއްގެ ގޮތުގައި ދެމިއޮތުމުގެ ސިގްނަލެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
މަސްކް ޓްވިޓާއާ ހަވާލުވި ފަހުން އެ ޕްލެޓްފޯމްގައި އިޝްތިހާރު ކުރާ ބައެއް ފަރާތްތަކުން ޓްވިޓާއާ ދުރަށް ޖެހުނު ނަމަވެސް، މިހާރު އެފަރާތްތަކާއި ޓްވިޓާގެ ގުޅުން ރަނގަޅުވެފައިވާ ކަމަށް ޔަކަރީނޯގެ ޕްރެޒެންޓޭޝަންގައި ވިދާޅުވިއެވެ.
ޔަކަރީނޯ ވިދާޅުވީ ވޯނާ ބްރޯސް، މޮންޑެލޭޒް، މެކްޑޮނަލްޑްސް އަދި ވޯލްމާޓް ފަދަ މަޝްހޫރު ބްރޭންޑްތަކުން ޓްވިޓާގައި އިޝްތިހާރު ކުރުން މެދުކަނޑާލި ނަމަވެސް މިހާރު އަލުން އިޝްތިހާރު ކުރަން ފަށާފައިވާ ކަމަށެވެ.
ޔަކަރީނޯ އިންވެސްޓަރުންނަށް ވިދާޅުވި ގޮތުގައި އިޝްތިހާރުކުރާ ބައެއް ކެޓަގަރީތަކުގެ އިޝްތިހާރުގެ ޚަރަދު އަހަރުން އަހަރަށް އިތުރުވެ، މިހާރު 40 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިއްހަތާއި މާލީ ހިދުމަތްތަކާ ގުޅުން ހުރި އިޝްތިހާރު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވީޑިއޯ އެންޑް ކޮމާސް
މަސްކްގެ ދަށުން ޓްވިޓާއިން އެކުންފުނީގެ ވިޔަފާރީގެ ނަން ވަނީ އެކްސް ކޯޕަރޭޝަނަށް ބަދަލުކޮށްފައެވެ. މަސްކްގެ ތަސައްވަރަކީ ޗައިނާގެ ވީޗެޓް ފަދަ "ސުޕަ އެޕްލިކޭޝަނެއް" އުފައްދައި، އެ އެޕްގައި ޑިޖިޓަލް ޕޭމަންޓާއި އެހެނިހެން ޚިދުމަތްތައް ހިމެނުމެވެ.
މިހާރުވެސް ޓްވިޓާއިން ދަނީ އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި "މަނީ ޓްރާންސްމިޓަރު ލައިސަންސް" އަށް އެދި ހުށަހެޅުމުގެ މަސައްކަތް ކުރަމުން ކަމަށް ޔަކަރީނޯގެ އެ ޕްރެޒެންޓޭޝަނުގައި ބުނެއެވެ.
އެ ޕްލެޓްފޯމްގައި ވީޑިއޯ ކޮންޓެންޓް އިތުރުކުރުމަށް ވެސް އެ ކުންފުނިން ވަނީ ސަމާލުކަން ދީފައެވެ. ޕްރެޒެންޓޭޝަންގެ އެހެން ސްލައިޑެއްގައި ބުނެފައި ވަނީ ޓްވިޓާގައި މީހުން ހޭދަކުރާ ވަގުތުގެ 10 އިންސައްތަ މިހާރު ހިއްސާކުރަނީ ވާޓިކަލް ވީޑިއޯ ބެލުމަށް ކަމަށެވެ.
ފޮކްސް ނިއުސްގެ ކުރީގެ ހޯސްޓް ޓަކާ ކާލްސަން ވަނީ މި މަހުގެ ކުރީކޮޅު "ޓަކާ އޮން ޓްވިޓާ"ގެ ނަމުގައި ޓްވިޓާގައި އާ ޝޯއެއްވެސް ލޯންޗްކޮށްފައެވެ. ޓްވިޓާއިން އުއްމީދު ކުރަނީ ކާލްސަން އާއި އެހެނިހެން ކޮންޓެންޓް ކްރިއޭޓަރުންގެ ވީޑިއޯތަކާ އެކު އިޝްތިހާރާއި ސްޕޮންސާޝިޕް ވިއްކޭނެ ކަމަށެވެ.
ޔަކަރީނޯ ވަނީ އޭނާގެ ވިސްނުމަށް މަސްކް ވަރަށް ބޮޑަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ ޓްވިޓާގައި އޭނާގެ ފެށުން ރަނގަޅު ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައެވެ.