މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 860,000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެއާ ހަމައަށް އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރީ 754,301 ފަތުރުވެރިންނެވެ. އޭގެ ކުރީ އަަހަރު 479,597 ފަތުރުވެރިން އެ މުއްދަތުގެ ތެރޭގައި ވަނީ ޒިޔާރަތްކޮށްފައެވެ.

ނަމަވެސް މިއަހަރު، އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް 861,167 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 14.2 ޕަސަންޓުގެ ކުރިއެރުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ ޤައުމުކަމަށްވާ އިންޑިއާއިން މިހާތަނަށް 101,348 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ދެ ވަނަގައި އޮތް އިޓަލީން މިއަހަރު 100,593 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ތިން ވަނައިގައި އޮތް ޔޫކޭ އިން ވަނީ 76،148 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖޭގައި އޮޕަރޭޝަނަލް ކެޕޭސިޓީގައި 60,818 އެނދު ހުރިއިރު އޭގެ ތެރޭގައި 170 ރިސޯޓުގެ 41،263 އެނދާއި، 13 ހޮޓެލެއްގެ 1640 އެނދާއި، 901 ގެސްޓްހައުސްއެއްގެ 14,790 އެނދު އަދި 160 ސަފާރީއެއްގެ 3,125 އެނދު ހިމެނެއެވެ.

އެހެންނަމަވެސް މިދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ދާން ފަށައިފައެވެ.

އެގޮތުން މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް އެވްރެޖްގޮތެއްގައި 5،500 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު 3،900އަށް ވެއްޓިފައިވާއިރު، މި މަހު އެ އަދަދުވަނީ އެއަށް ވުރެ ވެސް ދަށަށް ދާން ފަށައިފައެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް 3،708 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިކަމާ ގުޅިގެން މީގެ ކުރިން "ސަން" އާ ވާހަކަދެއްކި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ ލެޓްސްގޯ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ރިޔާޒް ވިދާޅުވީ ޗައިނާ މާކެޓަށް ރާއްޖެ ރަނގަޅަށް ހުޅުވުމުން ނޫނީ، ރާއްޖޭގެ އޮފް ސީޒަނުގައި ފަތުރުވެރިކަމަށް ކުރިއެރުމެއް ނާންނާނެ ކަމަށެވެ. ސަބަބަކީ ކޮވިޑުގެ ކުރިން ވެސް، ޗައިނާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އޮފް ސީޒަންގައި އޮކިއުޕެންސީ މަތިކުރާ މުހިންމު އެއް މާކެޓް ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ގިނަ މާހިރުން ވެސް ދެކޭ ގޮތުގައި މި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވުމުގެ އެންމެ މައިގަނޑު ސަބަބަކީ ޗައިނާއަށް ރާއްޖެ އެންމެ ފުރިހަމަ ގޮތުގައި ނުހުޅުވުމެވެ.