ޔޫޓިއުބްގައި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އުފާވެރި ޚަބަރެއްގެ ގޮތުގައި ގޫގުލްގެ މަޝްހޫރު ވީޑިއޯ ޝެއަރިން ޕްލެޓްފޯމް އިން ޔޫޓިއުބް ޕާޓްނާ ޕްރޮގްރާމް (ވައިޕީޕީ) އަށް ޝަރުތު ހަމަވާ ޝަރުތުތަކަށް ބަދަލެއް ގެނެސްފިއެވެ.

500 ސަބްސްކްރައިބަރުން ހަމަވުމުން މިހާރު ކްރިއޭޓަރުންނަށް، ޔޫޓިއުބް ޕާޓްނާ ޕްރޮގްރާމް (ވައިޕީޕީ)އަށް ޝަރުތު ހަމަވާނެކަމަށް ޔޫޓިއުބުން ވަނީ ބުނެފައެވެ. އެއީ މީގެކުރިން ޔޫޓިއުބުން ޑިމާންޑްކުރި މިންވަރުގެ ދެބައިކުޅަ އެއްބައެވެ.

އަދި ކުރިން 4،000 ސައްހަ ގަޑިއިރުގެ ވަގުތު ލާޒިމު ކުރުމުގެ ބަދަލުގައި މިހާރު އުފެއްދުންތެރިންނަށް ބޭނުންވަނީ ހަމައެކަނި 3،000 ގަޑިއިރު ހަމަކުރާށެވެ. ހަމައެފަދައިން ޝޯޓްސް ވިއުސްގެ ތެރެސްހޯލްޑް 10 މިލިއަނުން 3 މިލިއަނަށް ވަނީ ދަށްކޮށްފައެވެ.

މި އަޕްޑޭޓް ކުރެވިފައިވާ ޝަރުތުތައް އެންމެ ފުރަތަމަ ތަންފީޒު ކުރެވޭނީ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޓައިވާން، އަދި ދެކުނު ކޮރެއާއަށް ކަމުގައި ވިޔަސް ދުނިޔޭގެ އެހެން ހިސާބުތަކަށްވެސް ވަރަށް އަވަހަށް މި ބަދަލު ގެންނާނެކަމަށް ޔޫޓިއުބުން ބުނެއެވެ.

ޔޫޓިއުބުން މިގެނައި ބަދަލާއެކު ކްރިއޭޓަރުންނަށް ވައިޕީޕީ ޕްރޮގްރާމަށް ކުރިން ޝަރުތު ހަމަނުވެ ހުރި ޗެނަލްތައް ފަހުގެ ޝަރުތު ހަމަވާ މިންގަނޑަށް ވާސިލްވުމުން، އިޝްތިހާރުތަކުން އާމްދަނީ ހިއްސާކުރުމާއި އަދިވެސް އިތުރު ފައިދާތައް ހޯދުމުގެ ޝަރުތު ހަމަވާނެއެވެ.

ޔޫޓިއުބް ކްރިއޭޓަރުންނަށް މި ބަަދަލުގެނައި ކަމުގައިވިޔަސް އާމްދަނީ ހިއްސާކުރުމުގެ ކީ އަންލޮކް ކުރުމަށް މިހާރު ހުރި ޝަރުތުތަކަށް ބަދަލެއް ނާންނަ ކަމަށް ޔޫޓިއުބުން ބުނެއެވެ.

މީގެ އިތުރުން ޔޫޓިއުބުން ވަނީ ކުދި ކްރިއޭޓަރުންނަށް ޕޭޑް ޗެޓް، ޓިޕިން، ޗެނަލް މެމްބަޝިޕް، އަދި ޝޮޕިން ފީޗާސް ފަދަ ތަފާތު އާ މޮނެޓައިޒޭޝަން މެތޯޑްތައް ތައާރަފްކޮށްފައެވެ.

ޔޫޓިއުބުން ބުނީ ލިބޭ އާމްދަނީ ބަހާލުމަށް ވެސް ވައިޕީޕީގެ އުސޫލުތަކަށް ބަދަލެއް ނާންނަ ކަމަށެވެ. އެގޮތުން ރެވެނިއު ޝެއާ ކުރުމުގެ ގަވާއިދުތައް ދެމިއޮންނާނެ ކަމަށާއި އެހެންކަމުން ކުދި ކްރިއޭޓަރުން އަދިވެސް އިޝްތިހާރުގެ އާމްދަނީން ފައިދާ ހޯދުމަށް އޯޑިއަންސް ފުޅާކުރަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

އަދި ކުރިން ހަމައެކަނި ކްރިއޭޓަރުން ހޮވުމަށް ދައުވަތު ދީގެން ލިބެން ހުރި ޝޮޕިން އެފިލިއޭޓް ޕްރޮގްރާމް މިހާރު އެމެރިކާގައި ވައިޕީޕީގެ ބައިވެރިންނަށް މަދުވެގެން 20،000 ސަބްސްކްރައިބަރުންނާ އެކު ލިބޭނެ ކަމަށްވެސް ޔޫޓިއުބުން ބުނެއެވެ.

އަދި ހަމަ އެހެންމެ އެފިލިއޭޓް ޕްރޮގްރާމްގެ ދަށުން ކްރިއޭޓަރުންނަށް އެމީހުންގެ ކޮންޓެންޓްގައި އެހެން ބްރޭންޑްތަކާއި ކްރިއޭޓަރުންގެ އުފެއްދުންތައް ފީޗާކޮށް، ވީޑިއޯތަކާއި ޝޯޓްސްގައި ޓެގްކޮށްފައިވާ އުފެއްދުންތައް ވިއްކުމުން ވާދަވެރި ކޮމިޝަން ރޭޓް ލިބޭނެކަމަށްވެސް ޔޫޓިއުބުން ބުނެއެވެ.

މީގެ އިތުރުން މިއަހަރުގެ ފެބްރުއަރީ މަހު އެކުންފުނިން ވަނީ އާ މާކެޓްޕްލޭސްއެއް ކަމަށްވާ ކްރިއޭޓަރ މިއުޒިކްވެސް ތައާރަފްކޮށްފައެވެ .