30 Apr 2012, 15:29
މަސްތުވާތަކެތި ވިޔަފާރިކުރުމަށް އަތުގައި ބެހެއްޓި މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި މިއަދު ހުކުމްކޮށްފައި ވަނީ މާލޭ ދަފްތަރު މުހައްމަދު ރަޝީދު އަބްދުލް ބާގިރުގެ މައްޗަށެވެ.
ވިޔަފާރީގެ ބޭނުމަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގައި އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވާއިރު ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށްވެސް އޭނާގެ މައްޗަށް ސާބިތުވެ 10 އަހަރަށް ޖަލަށް ލުމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދުގެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާޗް 12، 2011 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބުލޫލައިޓް ލެގޫން ރެސްޓޯރަންޓަށް ފުލުހުން ގޮސް އެތަނުން އޭނާ ހައްޔަރުކޮށް އޭނާގެ ފަޓުލޫނުގެ ޖީބުން ނެގި ހުދުކުލައިގެ ކޮތަޅަކުން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއްކަމަށް ގާނޫނުގައިވާ މަސްތުވާތަކެތި ފެނިފައިވާކަމަށް ހެކީންގެ ހެކިބަހުން އެނގޭކަމަށެވެ.
އަދި އާންމުކޮށް ޑޮކްޓަރު ލިޔެ ނުދޭ ވަރަށް ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވެސް އެ ކޮތަޅުގެ ތެރެއިން ފެނިފައިވާކަން ހެކީންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކުން އެކަށީގެންވާ ޝައްކެއްނެތި ސާބިތުވާކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.