16 Jun 2023, 22:56
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމަށް ފާޑު ވިދާޅުވުމުން، ކުރީގެ ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލަށް ޖުމްހޫރީ ޕާޓީން ރައްދު ދީފިއެވެ.
ގާސިމަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި މަލީހު ވިދާޅުވެފައި ވަނީ ޖޭޕީގެ ލީޑަރަށް ބުއްދިވެރި ވާނީ ތިޖޫރީގައި އިތުރު ތަޅެއް އަޅުއްވައި މި އަހަރުގެ ރިޔާސީ އިންތިޚާބު ނިމެންދެން ބެހެއްޓެވިއްޔާ ކަމަށެވެ.
އަދި، ކަނާއަތާއި ވާއަތް ފަރާތުގައި ވެސް ބިޔަ ފެމުނު މިޔަރު ހޭރިޔާ ކަނޑާ ކަމަށާއި ތިޖޫރީ ނުހުޅުވައިގެން އެ ވާހަކަ އެބަ ދައްކަވާ ކަމަށް ވެސް މަލީހުގެ ޓްވީޓުގައިވެއެވެ. މަލީހު ވަނީ މި ފަހަރަކީ ޚަރަދު ނުކުރައްވާ ވޯޓު ހޯއްދަވާ ފަހަރަކަށް ހެއްދެވުމަށް ވެސް ވިދާޅުވެފައެވެ.
މަލީހުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިޤްބާލް އާދަމް "ސަން"އަށް ވިދާޅުވީ މަލީހު އިއްޔެ ދައްކަވާ ވާހަކައާއި މިއަދު ދައްކަވާ ވާހަކަ ދިމާނުވާ ކަމަށާއި، މާދަމާ ދައްކަވާނެ ވާހަކައެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި، އެފަދަ ވާހަކަތައް ދައްކަވައިގެން އާންމުންގެ ކުރިމަތީގައި މަލީހުގެ އަގު އަމިއްލައަށް ވައްޓާލެއްވީ ކަމަށެވެ.
އިގްބާލް ވިދާޅުވީ، އެ ވާހަކައަކީ ގާސިމް އިބްރާހީމާ ގުޅުން ހުރި ވާހަކަތަކެއް ވެސް ނޫން ކަމަށާއި، އެފަދަ ވާހަކަތައް ދެއްކެވުމުގެ މަގްސަދަކީ މީހުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުން ކަމަށެވެ.
އަދި، މަލީހު ފަދަ ބޭފުޅުން، ވާހަކައެއް ދެއްކެވުމުގެ ކުރިން އެ ވިދާޅުވާ އެއްޗަކާ މެދު ފުންކޮށް ވިސްނުން ބުއްދިވެރި ކަަމަށެވެ. އިންސާނުންނަށް ނިސްބަތްކޮށް ފެމުނާ މިޔަރަށް ގޮވުމަކީ ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން ޖޭޕީގެ އަންހެނުންގެ ލީގުގެ ރައީސާ ހިންނާ ޚާލިދު ވެސް ވަނީ މަލީހަށް ރައްދު ދެެއްވާ ވާހަކަ ދައްކަވައިފައެވެ.
އޭނާ ވިދާޅުވީ 2013 ވަނަ އަހަރު ވެސް ގާސިމް އިބްރާހީމަށް ނިސްބަތްކޮށް މަލީހުގެ ޓީވީ ޗެނަލްތަކުގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަލީހަށް މިނިސްޓަރުކަން ލިބުނީ ވެސް އެ ފަހަރު ޕީޕީއެމާ އެކު ކޯލިޝަން ހެއްދެވުމަށް ގާސިމް ނިންމެވުމުން ކަމަށް ވެސް ހިންނާ ވަނީ ވިދާޅުވެފައެވެ.
އަދި، ޔާމީންގެ ސަރުކާރުގައި މަލީހު މަގާމުން ދުރުކުރީ ކީއްވެތޯ ސުވާލު އުފައްދަވައި އޭނާ ވިދާޅުވީ މި ވެރިކަމުގައި ވެސް މަލީހަށް މިނިސްޓަރުކަން ލިބުނީ ގާސިމް އިބްރާހީމް އެ ފުރުސަތު ދެއްވީމާ ކަމަށެވެ.
މީގެ އިތުރުން ވެސް ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅު ކޮށް މީސްމީޑިއާ ގައި މަލީހަށް ރައްދުދީ ވާހަކަދައްކަވާފައެވެ.
މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މަލީހު އެ މަގާމުން ވަކި ކޮށްފައިވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް ހަދާފައިނުވާތީ އާއި ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތައް ހަދާފައި ނުވާތީ، މަގާމުގެ ޒިންމާ ބަރާބަރަށް އަދާނުކުރާ ކަމަށް ބުނެއެވެ.