17 Jun 2023, 09:57
ޓްރޫކޯލާ އިން އޭއައި ބޭނުންކޮށްގެން ކޯލް ރެކޯޑް ކުރެވޭ ފީޗާއެއް ތަޢާރަފް ކޮށްފިއެވެ. އައިއޯއެސް އަދި އެންޑްރޮއިޑްގައި ޕްރިމިއަމް ބޭނުންކުރާ މީހުންނަށް މި ފީޗާ މިހާރު ލިބެން ހުންނާނެއެވެ.
އެ ކުންފުނިން 2018 ވަނަ އަހަރު އެންޑްރޮއިޑްގައި ކޯލް ރެކޯޑިން ފީޗާ ތައާރަފްކުރި ނަމަވެސް ގޫގުލް އިން ކޯލް ރެކޯޑިން އެޕްލިކޭޝަންތަކުން ބޭނުންކުރި އެކްސެސިބިލިޓީ އޭޕީއައި އަށް އެކްސެސް ލިމިޓް ކުރުމުން ފަހުން އެ ފީޗާ ވަނީ ނަގާފައެވެ.
އެންޑްރޮއިޑް އަދި އައިއޯއެސްގެ އެޕްލިކޭޝަނެއް ބޭނުންކޮށްގެން "އޮން ޑިވައިސް" ކޯލެއް ރެކޯޑް ކުރުމަކީ ޓެކްނިކަލީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވާތީ، އެކަމަށް އޮތް ސާފު ހައްލަކީ ކްލައުޑް ޓެލެފޯން ޕްރޮވައިޑަރަކުން ދޭ ހިދުމަތެއް ކަމަށްވާ ރެކޯޑިން ލައިނެއް ބޭނުން ކުރުމެވެ. އޭގެ މާނައަކީ ކޯލްގެ ރެކޯޑިން ކްލައުޑްގައި ހަދައި، ކޯލް ނިމުމުން އެ މީހަކަށް ފޮނުވުމެވެ.
މި ޓެކްނޮލޮޖީ މިހާރުވެސް ގިނަ ވިޔަފާރިތަކުން ދަނީ ބޭނުން ކުރަމުންނެވެ. އެގޮތުން މިފަދަ ޚިދުމަތެއްދޭ ޓްރޫކޯލާ އިންވެސް އަންނަނީ އެމެރިކާގައި މި ޚިދުމަތް ތަޢާރަފްކޮށް، މި ޚިދުމަތް ގިނަބަޔަކަށް އިތުރަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ޓްރޫކޯލާގެ އަމާޒަކީ 350 މިލިއަން މީހުންގެ އެކުންފުނީގެ ޔޫޒާ ބޭސްއަށް ވަރަށް އަވަހަށް ގްލޯބަލް ރޯލްއައުޓަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.
ޓްރޫކޯލާ އިން ބުނި ގޮތުގައި އާ ފީޗާގައި ކޯލްގެ ދެ ފަރާތް ވެސް ސާފުކޮށް ރެކޯޑް ކުރެވޭނެއެވެ. މީގެ އިތުރުން ލާޖް ލެންގުއޭޖް މޮޑެލް (އެލްއެލްއެމް) ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ކޯލް ރެކޯޑިން ޓެކްސްޓްއަށް ބަދަލުކޮށް ހުރިހާ ކޯލް ރެކޯޑިންތަކެއްގެ ކުރު ޓްރާންސްކްރިޕްޝަންތައް ވެސް ފޯރުކޮށްދެއެވެ. އަދި މި ކޯލް ރެކޯޑަރުގެ އެހީގައި ސްޕެމް ކޯލްތައް އެއްކައިރިކޮށް އެޕްގެ ތެރޭގައި ވަކިން އިންކަމިން އަދި އައުޓްގޯއިން ކޯލްތައް ރެކޯޑް ކުރެވޭނެއެވެ.
މި އެޕްލިކޭޝަން ބޭނުންކޮށްގެން ފަސޭހައިން ރެކޯޑިންމެނޭޖް ކުރެވޭއިރު، ޓްރޫކޯލާގެ ތެރޭގައި ރެކޯޑިން އަޑުއަހާލުމާއި، ރެކޯޑިންގެ ނަން ރީނޭމް ކުރުމާއި، އަދި ރެކޯޑިން ޝެއާ ކުރުން ނުވަތަ ޑިލީޓްކުރެވޭނެއެވެ. އަދި މީގެ އިތުރުން މި ހުރިހާ ރެކޯޑިންއެއް ލޯކަލްކޮށް ތިބާގެ ޑިވައިސްގައި އަމިއްލަ ރައްކާތެރި ކަމަށްޓަކައި ރައްކާކުރެވޭނެއެވެ.
ޓްރޫކޯލާ މެދުވެރިކޮށް އައިފޯން ބޭނުންކުރާ ފަރާތްތަކަށް އައިކްލައުޑް ސްޓޯރޭޖްގައި ހުރިހާ ރެކޯޑިންގެ ބެކަޕް ބެހެއްޓުމުގެ ފުރުޞަތު ލިބޭއިރު އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް އެމީހުންގެ ގޫގުލް ޑްރައިވްއަށް ބެކަޕް ރެކޯޑިންތައް އިޚްތިޔާރު ކުރެވޭނެއެވެ.
މީގެ އިތުރުން ޓްރޫކޯލާ އިން އަންނަނީ މި ފީޗާއަށް ވަރަށް އަވަހަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނެ ކަމަށް ވައުދުވަމުންނެވެ.
ބައެއް ގައުމުތަކުގައި ކޯލްރެކޯޑް ކުރުމުގެ ގަވާއިދުތަކެއް އެބަހުއްޓެވެ. އެ ގަވާއިދުގެ ތެރޭގައި ކޯލް ރެކޯޑް ކުރާ މީހާއަށް ކޮންމެވެސް ވަރެއްގެ ނޯޓިފިކޭޝަނެއް ލިބެންޖެހޭއިރު، ކޮންމެ ސިކުންތަކުން ސޮފްޓް ބީޕެއް ނުވަތަ ރެކޯޑިން ފެށުމުގެ ކުރިން ކުޑަ އިއުލާނެއް ކަހަލަ އިންޒާރެއް ދޭންޖެހެއެވެ.
އެހެންކަމުން މިފަދަ ޤަވާއިދުތަކަށް ތަބާވުމުގެ ގޮތުން ޓްރޫކޯލާ އިން ބުނީ އަނެއްކޮޅުގައި ހުރި މީހާއަށް ބީޕެއް އިވޭނެ ކަމަށާއި ކޯލް ރެކޯޑް ކުރާކަން އަންގައިދޭނެ ކަމަށެވެ.