16 Jun 2023, 18:01
ގއ. ވިލިނގިލިން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މައުލޫމާތު ދެމުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ 38 އަހަރުގެ އެ ރަށު ރަތްވިލާ އާގެ އައްސަދު އަހްމަދު ކަމަށެވެ.
އޭނާ ގެއްލިގެން އުޅޭތީ ރޭ 01:10 ހާއިރު ރިޕޯޓު ކުރިއުރު މިހާރު އޭނާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުންނާއި އެ ރަށު ކައުންސިލާއި ރައްޔިތުން އަންނަނީ ކުރަމުންނެވެ.
އެންމެ ފަހުން ގުޅުނީ 14 ސިކުންތަށް، ދެން ޚަބަރެއް ނުވި!
އެ ރަށުގައި ހުރި އިތުބާރު ހިފޭ މަސްދަރަކުން "ސަން"އަށް ކިޔައިދިން ގޮތުގައި އައްސަދު އެންމެ ފަހުން ފެނިފައިވަނީ އިއްޔެ މެންދުރު ފަހު 02:25 ހާއިރު އެ ރަށު އިޖްތިމާއީ މަރުކަޒު ކައިރިންނެވެ.
އެގޮތުން, އޭނާ އިޖްތިމާއީ މަރުކަޒު ކައިރި ހުންނަ ފިހާރައެއް ކަމަށްވާ "ޑެއިލީ ޑޯޒް"އިން ފެން ފުޅިއެއް ގަނެ އެ ތަނުން ދިޔައީ ކަމަށާއި އޭގެ ފަހުން އިރުއޮއްސެން ގާތްވީއިރު ވެސް އޭނާގެ ޚަބަރެއްވެފައިނުވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެއަށް ފަހު ގާތްގަނޑަކަށް ހަވީރު 05:45 ހާއިރު އައްސަދު އޭނާގެ ގާތް ދެ ތިން މީހަކަށް ގުޅައި ވަރަށް ކުރުކޮށް ވާހަކަ ދެއްކި ކަމަށާއި އެއީ އެންމެ ފަހުުން އައްސަދާ ގުޅުނު ވަގުތު ކަމަށް އޭނާ ކިޔައިދިނެވެ.
"އޭގެ ފަހުން އައްސަދު އޭނާގެ ގާތް ދެ ތިން މީހަކަށް މި ގުޅަނީ. ގުޅައިފައި ވެސް މާ ބައިވަރު ވާހަކަތަކެއް ނުއެއް ދައްކާ. ހުރެފައި މި އަހަނީ ކޮންތާކުތޯ، ކޮން ބަޔަކާ އެކުތޯ ކީއްތޯ ކުރަނީ. އެއަށް ޖަވާބު ދީ ނިމޭތަނުން އިތުރު ވާހަކައެއް ނުދެއްކެނީސް ފޯނު ކަނޑާލަނީ،" އޭނާ ބުންޏެވެ.
އެ ރަށުން މައުލޫމާތު ދިން މީހާ ބުނި ގޮތުގައި އައްސަދަކީ ބިދޭސީ ބައެއް މަސައްކަތްތެރިން ގޮވައިގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެކެވެ.
އެހެންވެ, އެ މަސައްކަތަށް އޭނާ އެ ރަށުގައި މިހާރު ވެސް ބޭނުން ކުރާ ގުދަނެއް ހުންނަ ކަމަށާއި އޭނާ ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭނާއާ ގުޅުންހުރި އެ ސައިޓު ވެސް ބަލައިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އަދި، އެ ތަނުން އަމިއްލަ ނަފުސަށް ގެއްލުން ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ މަންޒަރުތަކެއް ފެނުނު ކަމަށް ބުންޏެވެ.
ނަަމަވެސް އެއީ އައްސަދު ކޮށްފައި ހުރި ކަމެއްތޯ ނުވަތަ އެހެން މީހަކު އެ ފަދަ ކަމެއް ސިފަ ކުރުމަށްޓަކައި ކޮށްފައި ހުރިކަމެއްތޯ އަދި ޔަގީންނުވާ ކަމަށް އޭނާ ކިޔައިދިނެވެ.
އެ ގުދަނުގެ ތެރެއިން އައްސަދުގެ އެއްޗެހި ކަމަށް ބެލެވޭ އަވި އައިނަކާއި ސިނގިރޭޓު ފޮށްޓެއް ވެސް ފެނިފައިވެއެވެ.
"ފުލުހުން މިހާރު އެ ގުދަނުގައި ޓޭޕް އަޅައި ބަންދުކޮށްފައި ހުރީ. ހަމަ ޔަގީންވާ ކަމަކީ އެ ތަނަކީ އޭނާގެ ފުރިހަމަ ބެލުމުގެ ދަށުގައި އޮންނަ ތަނެއްކަން. އެ ތަނުގެ ތަޅުދަނޑި އޮންނާނީ ވެސް އައްސަދު އަތުގައި. އެހެންވީމާ އެހެން މީހަކަށް އެ ތަނަށް ވަދެވޭނެހެން އަޅުގަނޑަށް ހިއެއް ނުވޭ،" އޭނާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި އައްސަދަށް ގުޅުމަށް ޓަކައި އޭނާގެ އާއިލާއިން މިއަދު ވެސް މަސައްކަތް ކުރިއެވެ. އެގޮތަށް ގުޅަނިކޮށް މިއަދު އައްސަދު ފޯނު ނެގި ކަމަށާއި އެ ކޯލަށް ހިނގި 14 ސިކުންތުގެ ތެރޭގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އޭނާ ބުންޏެވެ.
މިހާރު އެ ރަށު ކައުންސިލާއި ފުލުހުން ވަނީ އައްސަދު ހޯދުމަށްޓަކައި މަސައްކަތް ފަށައި މަޝްވަރާކޮށް ފުލުހުންގެ މަސައްކަތާ ގުޅޭ ރިޕޯޓު ހިއްސާ ކޮށްފައެވެ.
"ރައްޔިތުން މަސައްކަތް ކުރަންވީ ގޮތުގެ މައުލޫމާތާއި ކަންކަން މިހާރު ހިއްސާކޮށްފި. ވަރަށް ބައިވަރު ވޮލަންޓިއަރުން އެބައުޅޭ ހަމަ ރަށު ތެރޭ މި ކަމުގައި،" އޭނާ ކިޔައިދިނެވެ.
ފުލުހުން ވަނީ އައްސަދާ ގުޅުންހުރި މައުލޫމާތެއް އެނގޭނަމަ ހިއްސާކުރުމަށް އެދިފައެވެ. އެގޮތުން ވިލިނގިލީ ޕޮލިހުގެ ނަންބަރު 9792109އަށް ގުޅުމަށް ފުލުހުން އެދެއެެވެ.