30 Apr 2012, 15:27
ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު މާދަމާ ހަވީރު މާލޭ ސިޓީ ހޯލުގައި ބޭއްވުމަށް ނިންމައިފި އެވެ.
އިންތިހާބުގެ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު މެންދުރު 11:00 އަށް ހަމަވިއިރު، ރައީސް ކަމަށް ކުރިމަތިލާފައި ވަނީ ތިން ފަރާތަކުންނެވެ. އެގޮތުން އެއީ މިހާރުގެ ރައީސް މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް އާއި ފަޒުނާ ޖަލީލް އަދި އަބްދުއްﷲ އިބްރާހިމް އެވެ.
ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ދެ ފަރާތަކީ އެއެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް އަދާކުރަމުންއަންނަ މުހައްމަދު ނަބީލާއި ރާއީސް ކަމަށް ވެސް ވާދަކުރާ ފަޒުނާ ޖަލީލެވެ.
ނެޓްބޯޅަ އެސޯސިއޭޝަނަގެ އިސް އޮފިސަލަކު މިއަދު ވިދާޅުވީ، ހަޒާންދާރު ކަމަށް އެއްބޭފުޅަކު ކުރިމަތި ލައްވާފައި ވާއިރު، އާންމު ބެންބަރުންގެ ތެރެއިން ހޮވާ ހަތަރު މެންބަރުންނަށް، ކުރިމަތި ލާފައިވަނީ ވެސް ހަތަރު ބޭފުޅުން ކަމަށެވެ. އެގޮތުން އެ ހަތަރު ފަރާތަކީ އަލީ ޝަރީފާއި އާމިނަތު އަލީ އާއި މުހައްމަދު އުޝާމް އަދި އިރުފާނެވެ.
އިންތިހާބުގައި ވޯޓްލުމުގެ ފުރުސަތު ދެނީ އެސޯސިއޭޝަނުގެ މެމްބަރު 13 ކްލަބަށެވެ.