ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލާ މިއަދުގެ ޚުތުބާގައި ބުނީ، މި ދިވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ މަތިވެރި ދުވަސްތައް ކަމަށް ވަނީ، ހެޔޮ ޢަމަލުތައް އެ ދުވަސްވަރަށް ޖަމާވާތީ ކަމަށެވެ. އެގޮތުން ނަމާދާއި ރޯދައާއި ޞަދަގާތާއި ޙައްޖުގެ މަތިވެރި އަޅުކަން އެ ދުވަސްވަރަށް ޖަމާވާކަމަށް ޚުތުބާގައި ބުންޏެވެ.

މި ދުވަސްވަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިޚުލާސްތެރި ތައުބާއަކުން މި ދުވަސްވަރު ފަށަން ޚުތުބާގައި އިލްތިމާސްކުރިއެވެ.

"ތައުބާވާ އަޅުން ދެކެ މާތްﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ތައުބާ ވުމަކީ އެންމެ ގިނައިން ކީރިތި ޤުރުއާނުގައި ވެސް ގޮވާލައްވާފައިވާ އެއް ކަންތަކެވެ،" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން މިދުވަސްވަރު ކުރެވެން އޮތް ހެޔޮ ޢަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ފާހަގަކޮށްފައި ވެއެވެ.

"ޚާއްސަކޮށް ޙައްޖު މަހުގެ ނުވަވަނަ ދުވަހުގެ ރޯދައިގެ ސަވާބާއި ދަރުމަ މަތިވެރިވެގެން ވެއެވެ. ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގައި ވަނީ އެދުވަހުގެ ރޯދައަކީ ވޭތުވެ ދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ ރޯދައެއް ކަމުގައެވެ،" ޚުތުބާގައި ބުންޏެވެ.

މި ދުވަސްވަރު ތަސްބީހަ ކިޔުމާއި ތަކްބީރު ކިޔުމާއި މާތްﷲ ހަނދުމަ ކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ޚުތުބާގައި ބުނީ، މިދުވަސްވަރު ތަސްބީހަ އާއި ތަހްލީލާއި ތަހްމީދާއި ތަކްބީރު ކިޔައި އުޅުމަކީ ރަސޫލާގެ ސުންނަތުން ސާބިތުވާ މަތިވެރި އަޅުކަމެއް ކަމަށެވެ.

އެގޮތުން ޙައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހު އިރުއޮއްސުމާ ހަމައަށް މިސްކިތްތަކުގައްޔާއި، ދިރިއުޅޭ ގެތަކުގައްޔާއި، މަގުތަކުގައްޔާއި ބާޒާރު މަތީގައި އަޑުހަރުކޮށް ތަކުބީރު ކިޔާ އުޅުނުކަމަށް ޚުތުބާގައި ބުންނެވެ.

"ހެޔޮކަމުން ފުރިގެންވާ މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި މި ދުވަސްވަރު ގިނަގިނައިން ޞަދަޤާތް ކުރުމަކީ ވެސް މަތިވެރި ވެގެންވާ އަޅުކަމެކެވެ،" ޚުތުބާގައި ބުންޏެވެ.

މި ދުވަސްވަރު ކުރުމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ އަނެއް ކަމަކީ އުޟުހިޔާ ކަތިލުމެވެ. މިކަމުގެ މާތްކަން ބަޔާންކޮށް ޚުތުބާގައި ބުނީ، އެއީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ. އަދި އުޟުހިޔާގެ ގޮތުގައި ކަތިލެވޭނީ ނަޢަމްސޫފީގެ ބާވަތްތަކުގެ ތެރެއިން ބާވަތެއް ކަމަށާއި އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހާ ހަމައަށް މިކަމުގެ ވަގުތު ތަނަވަސްވެގެން ވާކަމަށް ޚުތުބާގައި ބުންޏެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ދުވަސްތަކުގައި ކުރެވޭނެ އެންމެ ހެޔޮ އަމަލަކީ ޙައްޖުގެ މަތިވެރި ރުކުން އަދާކުރުމެވެ. އިސްލާމީ ރުކުންތަކުގެ ތެރޭގައި ހިމެނޭ ފަސް ވަނަ ރުކުން ފުރިހަމަ ކުރުމެވެ،" ޚުތުބާގައި ބުންޏެވެ.

އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ސަވާބާއި ދަރުމަ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.