16 Jun 2023, 07:46
ތެލުގޫގެ ޑައިރެކްޓަރު ނާގް އަޝްވިންގެ "ކޭ" ޕްރޮޖެކްޓަށް ސައުތު ސިނަމާގެ ކުޅަދާނަ އެކްޓަރު ކަމަލް ޙަސަން ސޮއިކޮށްފިއެވެ.
ދިޕިކާ ޕަދުކޯން އާއި އެކްޓަރު އަމީތާބު ބައްޗަންގެ އިތުރުން ސައުތު އެކްޓަރު ޕްރަބާސް މުހިއްމު ރޯލްތައް ކުޅޭ "ކޭ" ޕްރޮޖެކްޓަށް ކަމަލް ޙަސަން ސޮއިކޮށްފައިވަނީ 150 ކްރޯޑު ރުޕީސްއަށެވެ.
ޕްރަބާސްއާއެކު ކަމަލް ޙަސަންގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެކަމަށް ބެލެވޭ މިފިލްމުގައި ކަމަލް ޙަސަން ކުޅެނީ ވިލެންއެއްގެ ރޯލެވެ. މިފިލްމުގައި ކަމަލް ޙަސަން ކުޅޭ ރޯލްއާއެކު އެކްޓަރު ފެންނަ ބައި ކުޑަ ނަމަވެސް މިއީ ކަމަލް ޙަސަންގެ ފިލްމަށް ހޭދަކުރާ ވިހި ދުވަހުގެ އަގެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިޔަށްއޮތް އޮގަސްޓް މަހުއެވެ. މިފިލްމަކީ، ދިޕިކާއާއި ޕްރަބާސް އާއި ކަމަލް ޙަސަން އެކީގައި ފެންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ. މީގެކުރިން އަމީތާބްއާއި ކަމަލް ޙަސަންވަނީ އެކީގައި ސްކްރީން ހިއްސާކޮށްފައެވެ.
ސައުތު ސިނަމާގެ ފިލްމުތަކުގެ އިތުރުންވެސް ބޮލީވުޑްގެ ބައެއް ފިލްމުތައް ކުޅެފައިވާ ކަމަލް ޙަސަންއަކީ ހިންދީ ސިނަމާގެ އެންމެ ތަޖުރިބާކާރު އެއް އެކްޓަރެވެ. ހިންދީ ސިނަމާގެ ލެޖެންޑެއްގެގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަލް އެންމެ ފަހުން ކުޅެފައިވަނީ ތަމަޅަ ފިލްމު "ވިކްރަމް"އެވެ.
މިފިލްމަށް ގިނަ ބައެއްގެ ތަރުހީބުލިބި ބޮކްސް އޮފީހުގައި ފިލްމަށްވަނީ 500ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. ނާގް އަޝްވިންގެ ޕްރޮޖެކްޓަށް ކަމަލް ޙަސަން ސޮއިކޮށްފައިވާއިރު އިތުރު ތަމަޅަ ފިލްމެއްގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެއީ "އިންޑިއަން 2"ގެ ނަމުގައި އުފައްދާ ފިލްމެކެވެ.