ވާޖިބުތައް އަދާކުރާކުރުމަށް ކުރާ ކޮންމެ ކަމެއް ވެސް ފަހުން އެކަމެއްގެ ޖަވާބުދާރީވެވޭ ގޮތަށް ކުރުމަށް ޑެޕިއުޓީ އެޓާނީ ޖެނަރަލް އައިޝަތު ބިޝާމް ފުލުހުނަށް ގޮވާލައްވައިފި އެވެ.

ފުރަތަމަ ފަހަރަށް އަންހެން ފުލުހުނަށް އަމާޒުކޮށްގެން ބޭއްވި "ޕަބްލިކް އޯޑާ ޓްރޭނިން ކޯސް" ނިންމުމުގެ ގޮތުން މިއަދު އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ރަސްމިޔާތުގައި އެޓާނީ ޖެނަރަލްގެ ނާއިބު ބިޝާމާ ވިދާޅުވީ ފުލުހުންގެ ވާޖިބުތައް އަދާކުރާ އިރު ވެސް އެކަމެއް ފަހުން ޖަސްޓިފައި ކޮށްދޭން ޖެހޭނެ ކަމަށާއި އަބަދުވެސް ހަނދާން ބަހަޓަންވީ ކުރާ ކޮންމެ ކަމެއް ބެލޭނެ ނިޒާމްތައް ހަމަޖެހިފައި އޮތުން ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ކޮންމެ މީހަކު ކުރާ ކަމެއް ވެސް ބަލާނެ ނިޒާމްތައް ރޭވިފައި އެބަހުރި. މައްސަލަތައް ބެލެނޭ އިންތިޒާމްތައް އެބަހުރި. އެހެންކަމުން ވާޖިބުތައް އަދާކުރެއްވުމުގައި އަބަދު ވެސް މިކަން ހަނދުމައިގައި ބަހައްޓަވާ. ކުރައްވާ ކޮންމެ ކަމެއްވެސް ކުރައްވަން ވާނީ އެކަމެއް ނުވަތަ އެ އަމަލެއް ޖަސްޓިފައި ކޮށްދެވޭނެ ގޮތުން." ބިޝާމް ވިދާޅުވި އެވެ.

އަދި މިއަދު ރާއްޖޭގައި އޮތް ހަލަބޮލި ކަމުގެ ތެރެއިން އަންހެން ފުލުހުންގެ ބޭނުންތެރިކަން ބޮޑު ކަމަށާއި ފުލުހުންގެ ވާޖިބުތައް އަދާކުރުމުގައި އަބަދު ވެސް ބަލަންވީ ބައިނަލް އާގުވާމީ މިންގަނޑަށް ފެތޭ ގޮތަށް އެންމެންގެ ހައްގުތައް ހިމާޔަތްކުރުމަށް ކަމަށް ޑެޕިއުޓީ އެޓާނީ ޖެނަރަލް ވިދާޅުވި އެވެ.

"މި ހަލަބޮލި ކަމުގެ ތެރޭގައި ތިޔަ ކަނބަލުން ވާޖިބުތައް އަދާކުރައްވަން ވާނީ ވަރަށް ކެތްތެރިކަމާއެކީގައި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން. ކޯހުގައި ކިޔަވާދިން ފިލާވާޅުތަކުގެ އަލީގައި ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތަށް އެންމެންގެ އިންސާނީ ހައްގުތައް ރައްކާތެރިވާނެ ފަދައިން." ބިޝާމް ވިދާޅުވި އެވެ.

މުޒާހަރާތައް ރޫޅާލުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނު ދިނުމަށް ބޭއްވި "ޕަބްލިކް އޯޑާ ޓްރޭނިން ކޯސް" ފުރިހަމަކުރި 21 ބައިވެރިނަށް އެ ރަސްމިޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ އެޓާނީ ޖެނަރަލް އައިޝަތު ބިޝާމް އެވެ.

މި ރަސްމިޔާތުގައި ޕޮލިސް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.