ވަރަށް ޅައިރު މަސްތުގެ ވަބާގައި ޖެހިގެން އެއަށް ދެވިފައި ހިފާފައި ހުރި މީހަކު، ކުށުގެ ވެށީގައި އުޅޭތާ ގިނަ އަހަރުތަކެއް ވީނަމަވެސް މިހާތަނަށް އެއްވެސް ފަރުވާއެއް ލިބިފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އުމުރުން 31 އަހަރުގެ އެ ޒުވާނާ ބުނެފައިވަނީ އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހުނީ 20 އަހަރު ކުރިން, އުމުރުން އެންމެ 11 އަހަރުގައި) ކަމަށެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ ހުރިތަނުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 10 ސެލޯފިން ކޮޅާއި އެކި އަދަދުތަކުން ހުރި 4،810 ރުފިޔާ ފެނިފައިވެއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ފުލުހުން ތުހުމަތުކުރި ނަމަވެސް، އޭނާ ބުނީ އެއީ އޭނާ މަސައްކަތް ކުރާ އޮފީހުން ލިބުނު ފައިސާ ކަމަށެވެ.

މި މީހާއަކީ މީގެ ކުރިން ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް ވަދެ އުޅޭ ގެއެއް ކަމަށް ފުލުހުން ބުނާ ގެއަކުން މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި، ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަކުރާރުކޮށް ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދުގެ ލޮގް ގިނަ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.