އޭލެވެލްއާއި އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ފައިސާގެ އިނާމެއް ދީފިއެވެ.

މި އެހީ ދީފައިވަނީ ފާއިތުވި 2022-2021 ވަނަ އަހަރު އޯލެވެލްއާއި އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށެވެ. ކޮންމެ ދަރިވަރަކަށް އެ ކޮމިޓީން 1،000 ރުފިޔާ ވަނީ ދީފައެވެ.

މި އެހީ ލިބުނީ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު 11 ދަރިވަރުންނަށާއި އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ހަތަރު ދަރިވަރުންނަށެވެ.

އެ ރަށު އަންހެނުން ކޮމީޓީގެ ރައީސާ އާމިނަތު ސުހާނާ ނައީމް ވިދާޅުވީ އެ ބޭފުޅުންގެ މެންޑޭޓް ތެރޭގައި ކުރެވޭނެ ކަންތައްތަކުގެ ތެރެއިން ކުރެވިދާނެ ކަންތައްތަކެއް އެކްޓިވިޓީ ކަލަންޑަރުގައި ކޮންމެ އަހަރަކު ވެސް ރާވައިލައި ކަމަށެވެ. މި ފައިސާގެ އިނާމަކީ ވެސް އޭގެ ތެރެއިން ރޭވިގެން ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިދިޔަ އަހަރު ވެސް ދިން އެއްޗެއް. މި އަހަރު ވެސް ހަމަ އެ ގޮތަށް. އެ ކުދިންގެ އަގުވަޒަންކޮށް އެ ކުދިންނަށް ދިން ހަދިޔާއެއް،" އޭނާ ވިދާޅުވިއެވެ.

އިތުރަށް ސުހާނާ ވިދާޅުވީ ދަރިވަރުންނާ ގުޅޭ ކޮންމެ ކަމެއްގައި އަބަދުވެސް އެ ކޮމިޓީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ކަން އެ ގޮތަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.