ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ކުންފުންޏަކާ ހަވާލުކޮށްގެން އަޅައި 32 ހައުސިން ޓަވަރުގެ މަސައްކަތް 2025ގެ ތެރޭ އެއްކޮށް ނިންމައި މީހުން ދިރިއުޅެން ފަށާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މި މަޝްރޫއުގެ ދަށުން އެންބީސީސީއާއި ޖޭއެމްސީއާ ވެސް ހަވާލުކޮށްފައިވަނީ 16 ޓަވަރު އަޅާށެވެ. އެކު ޖުމްލަ މިއީ 32 ޓަވަރެވެ. 4،000 ހައުސިން ޔުނިޓެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 އެޕާޓްމަންޓާއި، ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓެވެ.

އެފްޑީސީން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ ހައުސިން ޓަވަރުތަކުގެ މަސައްކަތްތައް މީޑިއާތަކަށް މިއަދު ދައްކައިލައިފައެވެ.

އެންބީސީސީގެ މަސައްކަތް

އެންބީސީސީގެ މަސައްކަތްތަކަށް ބަލާއިރު އެ ކުންފުނިން އަޅާ ހަ ޓަވަރަކީ 17 ފަންގިފިލާގެ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. ބާކީ 10 ޓަވަރަކީ 18 ފަންގިފިލާގެ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.

އެ ކުންފުންޏާ ހަވާލުކުރި ގިނަ ޓަވަރުތަކުގައި އަދި ނިމިފައިވަނީ ޕައިލިންއާއި ފައުންޑޭޝަނުގެ މަސައްކަތެވެ. އޭގެ ތެރެއިން ބައެއް ޓަވަރުތަކުގައި ޝީޓު އެޅުމުގެ މަސައްކަތް ފަށައިފައިވެއެވެ.

އެންބީސީސީން އަޅާ ޓަވަރުތަކުގެ މަސައްކަތް -- ސަން ފޮޓޯ

އެންބީސީސީއާ ހަވާލުކުރި ޓަވަރުތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ހިއްސާކުރަމުން އެފްޑީސީގެ އޮފިޝަލަކު މީޑިއާއަށް ވިދާޅުވީ މިހާރު ބައެއް ޓަވަރުތަކުގައި ސްޓްރަކްޗަރަލް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެއާއެކު އެންބީސީސީއާ ހަވާލުކުރި ޓަވަރުތަކުގެ މަސައްކަތް 2025ގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި، ހުރިހާ ޓަވަރެއްގައި އެ އަހަރުގެ ތެރޭ ދިރިއުޅެވެން ފެށޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

އެންބީސީސީން އަޅާ ޓަވަރުތަކުގެ މަސައްކަތް -- ސަން ފޮޓޯ

ޖޭއެމްސީގެ މަސައްކަތް

ޖޭއެމްސީގެ ޓަވަރުތައް އެޅުމުގެ މަސައްކަތަށް ބަލާއިރު މިހާރު ގިނަ ޓަވަރުތަކެއްގައި ކުރަނީ ޝީޓު އެޅުންފަދަ އިމާރާތުގެ މަސައްކަތްތަކެވެ.

އެގޮތުން ބައެއް ޓަވަރުތަކުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމުމާ ހަމައިގައި ވެސް އެބަހުއްޓެވެ. އެއް ޓަވަރުގެ އަމަލީ މަސައްކަތް ނިމި ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތެވެ.

ފިނިޝިން މަސައްކަތް ނިމިފައިވާ ޖޭއެމްސީގެ ޓައިޕް އޭ އެޕާޓްމަންޓެއްގެ ސިޓިން ރޫމް. ވާތު އަރިމަތީ ތިން ކޮޓަރި ހިމެނޭ -- ސަން ފޮޓޯ

ޖޭއެމްސީން އަޅާ ހައުސިން ޓަވަރުތަކުގައި ވެސް ގިނައީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. ޖޭއެމްސީގެ ޓަވަރުތަކުގައި ދެ ފްލޯ ޕްލޭނެއްގެ އެޕާޓްމަންޓު ހިމެނެއެވެ. އެއީ ޓައިޕް އޭ އެޕާޓްމަންޓާއި ޓައިޕް ބީ އެޕާޓްމަންޓެވެ.

ތިން ކޮޓަރީގެ ޓައިޕް އޭ ފްލޯ ޕްލޭން

ތިން ކޮޓަރީގެ ޓައިޕް އޭ ފްލޯ ޕްލޭން --

ތިން ކޮޓަރީގެ ޓައިޕް ބީ ފްލޯ ޕްލޭން

ތިން ކޮޓަރީގެ ޓައިޕް ބީ ފްލޯ ޕްލޭން --

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނަނީ ކީކޭ؟

އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ މީޑިއާތަކާ ވާހަކަދައްކަވަމުން ވިދާޅުވީ މަސައްކަތް ހިނގަމުން އަންނަނީ ޓައިމްލައިނާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެކި ޓަވަރުތަކުގެ މަސައްކަތް އެކި މިންވަރުގައި ހުރީ ހުރިހާ ޓަވަރެއްގެ މަސައްކަތް އެކުގައި ފެށިފައިނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަމަލީ މަސައްކަތް ނުކުރާ އެއްވެސް ޓަވަރެއް ނުހުންނާނެ. ހުރިހާ ޓަވަރެއްގެ ވެސް ފައުންޑޭޝަން މަސައްކަތް ނިމިފައި ގްރައުންޑުން މައްޗައް އަރައިފައިހުރީ،" ޝަމޫލް ވިދާޅުވިއެވެ.

އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕްރޭޓް އެފެއާޒް މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ މީޑިއާތަކާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ

އެފްޑީސީން ބުނީ މަސައްކަތް ކުރަމުން އަންނަނީ ފިޔަވަހިތަކަކަށް ބަހައިލައިގެންކަމަށެވެ. އެެހެންވެ އެންމެ ފުރަތަމަ އިސްކަން ދެނީ ފުރަތަަމަ ފިޔަވަހީގެ މަސައްކަތް އަވަހަށް ނިންމުށެވެ.

ޝަމޫލް ވިދާޅުވީ މި މަޝްރޫއު، ހުޅުމާލޭގައި ފަހުން ތަރައްގީކުރި އެހެން ހައުސިން މަޝްރޫތަކާ އަޅައިކިޔާއިރު އެފްޑީސީގެ މި 32 ޓަވަރުގެ މި މަޝްރޫއު ތަފާތު ވަނީ ޖާގައިގެ ގޮތުން އެޕާޓްމަންޓުތައް ތަނަވަސް ވުމުން ކަމަށެވެ. އަދި ބަލި މީހުން އުފުލާ ސްޓްރެޗާ އުފުލޭނެ ލިފްޓެއް ވެސް ބަހައްޓާގޮތަށް ޕްލޭންކުރެވިފައިވުމާއި ސިޑިތައް ވެސް އެ ފަދައިން ޑިޒައިންކުރެވިފައިވުމަކީ މި މަޝްރޫއުގެ ތަފާތެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެފްޑީސީން ނިންމައި އާންމުންނަށް ދައްކައިލުމަށް ތައްޔާރުކޮށްފައިވާ އެޕާޓްމަންޓު ބަލައިލުމުގެ ފުރުސަތު އެ ކަމަށް އެދި ބުކްކުރުމުން އޮންނާނެކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މަޝްރޫއުގެ ޓަވަރުތައް އަޅާ ދެ ކުންފުނިން ވެސް އެ މަސައްކަތްކުރަނީ މުޅިން އާ ގޮތަކަށެވެ.

އެއީ ތައްގަނޑު ބޭނުންކޮށްގެން އެ ތައްގަނޑަށް ކޮންކްރީޓް އަޅައި ފާރުތަކާއި ސިޑިއާއި، ޝީޓު އެއްފަހަރާ އެޅުމެވެ. މިހެން އެ މަސައްކަތްކުރުމުން ފްލޯ ސައިކަލް ނުވަތަ އެ ފްލޯގެ ފާރުތައް ހިމެނޭހެން ކޮންކްރީޓް މަސައްކަތް 10 ދުވަހާއި 14 ދުވަހުގެ ތެރޭ ނިމި ތައްގަނޑު ނެއްޓުމަށްފަހު އޭގެ މަތީ ފްލޯގެ މަސައްކަތް ފެށެއެވެ.