06 Aug 2010, 05:18
10:00
ސާނަވީން ފެށިގެން މަތީ ތައުލީމު އުނގެނޭ ފަރާތްތަކަށް އަމާޒުކޮށްގެން "ކިޔަވާ" ގެ ނަމުގައި އާ ލޯނު ސްކީމެއް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.
ބީއެމްއެލުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި ބީއެމްއެލްގެ "ކިޔަވާ" ލޯނު ސްކީމުގެ ދަށުން، މުޅި ކޯހަށްވާ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދު އެއްކޮށްލައިގެން ޚަރަދުވާނެ ކަމަށް ބެލެވޭ ޖުމްލަ އަދަދުގެ 75 ޕަސަންޓަށްވުރެ މަތިނުވާ އަދަދަކަށް ލޯނަށް އެދެވޭނެ އެވެ. އެހެން ނަމަވެސް، ބާކީ 25 ޕަސަންޓު ޚަރަދުކުރަންޖެހޭނީ ލޯނަށް އެދޭ ފަރާތަކުން އަމިއްލަ އަށް ކަމަށް ބުނެފައިވެ އެވެ. އަދި 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ސްކީމްގެ ދަށުން ލޯނަށް އެދެވުނު ނަމަވެސް، ކިޔަވާ ފަރާތް ވާންޖެހޭނީ 35 އަހަރުން މަތީގެ މީހަކަށް ކަމަށް ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.
ހަތް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ފައިސާ ދައްކާ ގޮތަށް އޮންނަ މި ލޯނު ސްކީމަށް އަނބުރާ ފައިސާ ދައްކަން ޖެހޭނީ އަހަރެއްގެ މައްޗަށް 10 ޕަސަންޓުގެ އިންޓްރެސްޓާއެކުގައި ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. ނަމަވެސް ނަގާ ލޯނު އަނބުރާ ދެއްކުން ބަރޯސާވަނީ ކިޔަވަންދާ ފަރާތުގެ ކިޔެވުން ނިންމުމަށްފަހު ލިބޭ އާމްދަނީގެ މައްޗަށް ކަމުގައިވާނަމަ، އަނބުރާ ފައިސާ ދައްކާ މުއްދަތު 9 އަހަރަށް އިތުރުކޮށް، ކޯހުގެ މުއްދަތުގެ އިތުރުން 6 މަސްދުވަހުގެ މުއްދަތަށް ހަމައެކަނި އިންޓްރެސްޓަށްވާ ބައި ދައްކާގޮތަށް ވެސް ހަމަޖެއްސޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލްގެ ބަޔާނުގައިވާ ގޮތުގައި، ލޯނަށް އެދޭއިރު ރަހުނެއްގެ ގޮތުގައި ހުށަހަޅަން ވާނީ ލޯނު ފައިސާގެ ގޮތުގައި އެދޭ އަދަދުގެ 120 ޕަސަންޓުގެ ނުވަތަ އެއަށްވުރެ އަގުހުރި ރަހުނެކެވެ.