އަޟްހާ ޢީދު ފާހަގަ ކުރުމަށް ރ. މީދޫގައި މި އަހަރު ބޭއްވޭ އެކިއެކި ކުޅިވަރު ހަރަކާތްތަކުގެ ވީޑިއޯ ކަވަރޭޖް ހަދައި ދިނުމަށް އެސްއެސްޓީވީއިން މީދޫގެ ޖަމިއްޔަތުއްޞަލާޙާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސަން ސިޔާމް މީޑިއާގައި ބޭއްވި މި ރަސްމިއްޔާތުގައި އެސްއެސްޓީވީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސާ މުހައްމަދު ޒަހީންއެވެ. ޖަމިއްޔަތުއްޞަލާޙުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޢީދު ކޮމިޓީގެ ރައީސް ހުސައިން އަފީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސައިން އަފީފް ވިދާޅުވީ މީދޫގެ އީދު ކުޅިވަރުތަކަކީ ގިނަ ޒަމާންތަކެއް ވަންދެން އެއްގޮތަކަށް ބައްޓަންވެގެން އަންނަ ސަގާފީ ކުޅިވަރުތަކެއް ކަމަށެވެ. އެހެންނަމަވެސް ޒަމާނީ ބައެއް ކުޅިވަރުތައް އޭގެތެރޭގައި ހިމެނޭ ކަމަށް އަފީފް ވިދާޅުވިއެވެ.

އެކި އުމުރުފުރާތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި ކުޅިވަރުތަކުގެ ތެރޭގައި ޢީދާ ގުޅިގެން ބާއްވާ ޚާއްސަ ކުޑަކުދިންގެ ހަވީރެއްވެސް އޮންނާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

އަޅުގަނޑުމެން މި ޢީދުވެސް އެހެން ފަހަރުތަކަށް ވުރެ ރަނގަޅުކުރަން މި މަސައްކަތްކުރަނީ. އެގޮތުން އީދުގައި ބޭނުންކުރާ ހެދުންތަކާ އެއްޗިސް އިތުރަށް ފެންވަރު ރަނގަޅު ކުރެވޭތޯ މި މަސައްކަތްކުރަނީ. ދެން ޢީދު ދުވަހު ޢީދު ޖާފަތް އޮންނާނެ އެކި ވައްތަރުގެ ހެދިކާއާ ކާތަކެއްޗާއިއެކު.ޖަމިއްޔަތުއްޞަލާޙުގެ އީދު ކޮމިޓީގެ ރައީސް ހުސައިން އަފީފް

ރ. މީދޫއަކީ އެސްއެސްޓީވީގެ "ބޮޑުޢީދުފޯރި" ޝޯގައި ކަވަރޭޖް ގެނެސްދިނުމަށް ހަމަޖެހިފައިވާ ދެވަނަ ރަށެވެ. އަނެއް ރަށަކީ ބ. ދަރަވަންދޫއެވެ.

އެސްއެސްޓީވީގެ ކަވަރޭޖުގެ ތެރެއިން ޢީދު ކުޅިވަރުތަކާއި ހަރަކާތްތަކުގެ ޚަބަރުތަކާއި މި ދެ ރަށުގެ މުހިންމު ކަންކަމާއި ގުޅުންހުރި ޚަބަރުތައް ސަން އޮންލައިންގައި ހިމަނައި އެ ހަރަކާތްތައް އެސްއެސްޓީވީގެ ފޭސްބުކް ޕޭޖުން ގެނެސްދޭނެއެވެ.