ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހަކާއި ސައިކަލެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ދެވަނަ ފިޔަވަހީގެ ގުލްހަޒާރުމާހިންގުމާއި ދުނބުރިގަސް މަގު ގުޅުނު ކަންމަތިން ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 8:51 ހާއިރު ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި 19 އަހަރުގެ ޒުވާނަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވެގެން މިއަދު ހެނދުނު ގެނައި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް އޭނާ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިކޮޅުން އަޅުގަނޑުމެންނަށް ދެވޭނެ ފަރުވާއެއް ނެތް. އެހެންވެ މި ބަލަނީ ސްޓޭބަލްކޮށް އޭޑީކޭއަށް ޝިފްޓް ކޮށްލެވޭތޯ," އޮފިޝަލު ވިދާޅުވިއެވެ.

ސައިކަލު ބަހުގައި ޖެހި ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި --- ފޮޓޯ: އެކްސިޑެންޓް އެމްވީ

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަހުގެ މެދުގައި ސައިކަލް ޖެހިފައިވާއިރު އެ ދިމާލުން ބަހުގެ ބިއްލޫރިގަނޑު ވެސް ވަނީ ފުނޑުފުނޑުވެފައެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި، ޚާއްސަކޮށް ހުޅުމާލެ ދެވަނަ ފިޔަވައްސާއި ސިނަމާލެ ބްރިޖުގައި މި ފަހަކަށް އައިސް ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގައި، ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވެއެވެ. އެކްސިޑެންޓްތައް މަދުކުރުމަށް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.