15 Jun 2023, 16:47
ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގެ މާކެޓުގައި އިޝްތިހާރުކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޗައިނާ ޓޫރިޒަމް އެސޯސިއޭޝަން (އެމްވީސީޓީއޭ) އިން ޗައިނާގައި ރޯޑްޝޯއެއް ބާއްވަން ނިންމައިފިއެވެ.
އެމްވީސީޓީއޭ އިން ޗައިނާގައި ބާއްވާ ފުރަތަމަ ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ރޯޑްޝޯ އޮންނާނީ ޗައިނާގެ ޝަންހާއީ، ޝެންޒެން، ޗެންގްޑޫ އަދި ބެއިޖިން ސިޓީގައެވެ.
މި ރޯޑްޝޯއަކީ ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއިން ފޯރުކޮށްދޭ މުހިންމު ކަންތައްތަކުގެ އިތުރުން ފަތުރުވެރިން ޝައުގުވެރިވާ އެތައް ކަމެއް ދައްކާލުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ. އަދި މިއީ ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގެ ހިތްގައިމުކަން ދެނެގަތުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެކެވެ.
މި އަހަރު އުފައްދައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެމްވީސީޓީއޭގެ އަމާޒަކީ ރާއްޖެއަކީ ޗައިނާގެ ރައްޔިތުންނަށް މަންޒިލެއްގެ ގޮތުގައި އޮތްއޮތުން އިތުރަށް ފުޅާކޮށް، ޗައިނާ އާއި ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމެވެ.
އެމްވީސީޓީއޭގެ މަސައްކަތްތަކުގެ ތެރޭގައި ސަރަހައްދީ ޓްރެވަލް އެގްޒިބިޝަންތަކާއި، ރޯޑްޝޯތަކުގައި ބައިވެރިވުމާއި އިޝްތިހާރު ކުރުމާއި، ޕްރޮމޯޝަންތަކާއި، ޓްރެވަލް ޓްރޭޑާއި، މީޑިއާ ފެމިލިއަލައިޒޭޝަން ޓްރިޕްތައް އިންތިޒާމް ކުރުމުގެ އިތުރުން ޗައިނާ ސަރުކާރުގެ ޓޫރިޒަމް އިދާރާތަކާއި، ޓްރެވަލް އެޖެންސީތައް އަދި އެސޯސިއޭޝަންތަކާ ގުޅުން ބަދަހިކުރުން ހިމެނެއެވެ.
އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށްގެން ރާއްޖޭގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވައި ޗައިނާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަސައްވުރު އިތުރުކުރުމަށް އެ އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮވިޑުގެ ކުރިން ރާއްޖެއަށް އެެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ޓޫރިސްޓުން އަންނަން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިހާރު ޗައިނާއަކީ ރާއްޖެއަށް ހަވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.