15 Jun 2023, 12:16
ސްޓޮކްހޮމް (14 ޖޫން 2023): ޗައިނާއިން ނިއުކްލިޔާ ހަތިޔާރު އުފައްދާމިންވަރު އާދަޔާ ޚިލާފަށް އިތުރުކުރަމުން ގެންދާކަމަށާއި މިއާއެކު ދުނިޔޭގެ ނިއުކްލިޔާ ސްޓޮކްވެސް ބޮޑުވަމުންދާކަމަށް ބައިނަލްއަގްވާމީ ސުލްހައާބެހޭ ދިރާސާކުރާ މަރުކަޒެއްކަމަށްވާ ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރީސަޗް އިންސްޓިޓިއުޓް (އެސްއައިޕީއާރުއައި)އިން ބުނެފިއެވެ.
އެސްއައިޕީއާރުއައިއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މިދިޔަ އަހަރު ޗައިނާގައި ހުރީ 350 ނިއުކްލިޔާ ހަތިޔާރުކަމަށާއި ނަމަވެސް މިއަހަރުގެ ޖަނަވަރީގެ ނިޔަލަށް ޗައިނާވަނީ ނިއުކްލިޔާ ހަތިޔާރުގެ އަދަދު 410 އަކަށް އިތުރުކޮށްފައި ކަމަށެވެ.
އެމެރިކާއަކީ ޗައިނާއަށްވުރެ މާގިނައިން ނިއުކްލިޔާ ހަތިޔާރު ހުރިގައުމެއް ނަމަވެސް އެމެރިކާ ގެންދަނީ ޗައިނާއިން ނިއުކްލިޔާ ހަތިޔާރު އުފައްދާމިންވަރު އިތުރުކުރާތީ އެކަމާމެދު އިންތިހާއަށް ކަންބޮޑުވާކަން ހާމަކުރަމުންނެވެ.
ދުނިޔޭގެ ނިއުކްލިޔާ ބާރުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ނުވަ ގައުމެކެވެ. އެއީ ރަޝިއާ، އެމެރިކާ، ޗައިނާ، ފަރަންސޭސިވިލާތް އިނގިރޭސިވިލާތް، އިސްރާއީލު، ޕާކިސްތާނު، އިންޑިއާ އަދި އުތުރުކޮރެއާ އެވެ. މީގެތެރެއިން އިސްރާއީލަކީ ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވީނަމަވެސް އެކަމަށް އެއްބަސްނުވެ އެކަން ސިއްރުކޮށްގެން އުޅޭ ނުރައްކާތެރި ގައުމެކެވެ. އިސްރާއީލުން 150 އަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ސިއްރިޔާތުގައި އުފައްދައި ރައްކާކޮށްފައިވާ ކަމަށްވެއެވެ.
ނިއުކްލިޔާ މި ނުވަ ގައުމުގެ އިތުރުން ނިއުކްލިޔާ ހަތިޔާރު އުފައްދަން ބޭނުންނަމަ އެހަތިޔާރު އުފެއްދުމުގެ ފަންނީ އިލްމީ އަދި މާއްދީ ގާބިލްކަން ލިބިފައިވާ ފަސް ގައުމެއްވެސް ވެއެވެ. އެ ފަސް ގައުމުގެ ތެރޭގައި އީރާނާއި އާޖެންޓީނާ އަދި ޔުކްރެއިން ހިމެނެއެވެ. މި ފަސް ގައުމަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދޭމިންވަރަށް ޔޫރޭނިޔަމް ފައްކާކޮށް ޕްލޮޓޯނިއަމް އުފައްދައި އަދި ނިއުކްލިޔާ ގޮއްވުންތައް ގޮއްވާލުމަށް ބޭނުންވާ ޗެއިން ރިއެކްޝަން ގެ ސިއްރުތައް އެނގޭ ގައުމުތަކެވެ.
"އެސްއައިޕީއާރުއައި"ގެ ރިޕޯޓްބުނާގޮތުން ޗައިނާ މިހާރު އުފައްދަމުން ގެންދާގޮތަށް ނިއުކްލިޔާ ހަތިޔާރު އުފައްދަމުން ގެންދާނަމަ 2030 ވަނަ އަހަރާ ހަމައަށްދާއިރު އެމެރިކާގައި ހުރިވަރުގެ ނިއުކްލިޔާ ހަތިޔާރުގެ ސްޓޮކެއް ޗައިނާގައި ހުންނާނެއެވެ.
ދުނިޔޭގައި ނިއުކްލިޔާ ހަތިޔާރު އެންމެ ގިނައީ ރަޝިއާގައެވެ. ދެން އެމެރިކާގައެވެ. ދުނިޔޭގައިވާ ނިއުކްލިޔާ ހަތިޔާރުގެ 90 އިންސައްތަ ހިއްސާ ކުރަނީ މިދެގައުމުންނެވެ.
ޗައިނާ ބުނާގޮތުން ޗައިނާ ގެންދަނީ އެގައުމުގެ އިތުރުވަމުންދާ އިގްތިސާދީ ބާރާއި ބައިނަލްއަގްވާމީ ނުފޫޒާ އެއްވަރަށް އަސްކަރީ ބާރުތައްވެސް ތަރައްގީ ކުރަމުންނެވެ. ޗައިނާ އިތުރުކުރަނީ ހަމައެކަނި ނިއުކްލިޔާ ހަތިޔާރެއް ނޫނެވެ. އާދައިގެ ނުވަތަ ކޮންވެންޝަނަލް ހަތިޔާރު އިތުރަށް ތަރައްގީކޮށް އަސްކަރީ ބަޖެޓް އިތުރުކޮށް އަސްކަރިއްޔާ ޒަމާނީކޮށް މޮޑަނައިޒް ކުރުމުގެ ކަންތައްވެސް ޗައިނާ ވަރަށް ބާރަށް ކުރިޔަށް ގެންދެއެވެ.
ޗައިނާ އާ ކުރިމަތިލުމަށް އަސްކަރީ ޖަމާއަތްތައް ހަދައިގެންނާއި ދެކުނު ޗައިނާ ކަނޑުގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކަކީވެސް ނިއުކްލިޔާ ހަތިޔާރު އިތުރަށް އުފެއްދުމާ އަދި ކޮންވެންޝަނަލް އަސްކަރީ ބާރުތައް އިތުރުކުރުމަށް ޗައިނާއަށް މަޖުބޫރުވާ ސަބަބެކެވެ.
ޗައިނާ ނިއުކްލިޔާ ހަތިޔާރު އުފައްދާމިންވަރު އިތުރުކުރަމުން ގެންދިޔަނަމަވެސް ޗައިނާގެ ނިއުކްލިޔާ ހަތިޔާރުތައް ހުންނަނީ ހަމައެކަނި އެގައުމުގައެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އަސްކަރީ ބޭސްތަކާއި އަސްކަރީ މަރުކަޒުތައް ބިނާކޮށްގެން އެތަންތަނުގައި ނިއުކްލިޔާ ހަތިޔާރު ބަހައްޓައިގެން އެހެންގައުމުތަކަށް ބިރު ދެއްކުމާއި ހަންފެތުރުމުގެ ސިޔާސަތެއް ޗައިނާ ނުގެންގުޅެއެވެ.
ނަމަވެސް އެމެރިކާވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި 800 ވަރަކަށް އަސްކަރީ މަރުކަޒު އުފައްދައި އޭގެތެރެއިން ބައެއް މަރުކަޒުތަކުގައި ނިއުކްލިޔާ ހަތިޔާރުވެސް ރުކުރުވާލާފައެވެ. ރަޝިއާވެސް މިހާރު ގެންދަނީ އެގައުމުގެ އަވަށްޓެރި ގައުމެއް ކަމަށްވާ ބެލަރޫސް ގައި ނިއުކްލިޔާ ހަތިޔާރު ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.