15 Jun 2023, 08:58
އަޖޭ ދޭވްގަން މުހިއްމު ރޯލް ކުޅެފައިވާ މަލަޔާޅަމް ފިލްމު "ދްރިޝްޔަމް"ގެ ތިންވަނަބައެއް އުފައްދަން ފިލްމު ގެނެސްދިން ޕްރޮޑަކްޝަން ޓީމުން ނިންމައިފިއެވެ.
މިފިލްމަކީ، މަލަޔާޅަމް ޑައިރެކްޓަރު ޖީތޫ ޖޯސެފް އަމިއްލައަށް ލިޔެ ޑައިރެކްޓްކުރި ފިލްމެކެވެ. މިފިލްމުގެ ހިންދީ ރިމޭކްގެ ޑައިރެކްޓަރަކީ ޑައިރެކްޓަރު ނިޝިކަންތު ކަމަތުއެވެ.
ފިލްމު "ދްރިޝްޔަމް3" ގެ ވާހަކަ ތަރައްޤީކުރުމުގެ މަރުޙަލާގައި އޮތްއިރު މިއީ މި ސިލްސިލާއަށް ނިމުން އަންނާނެ ފިލްމުކަމަށް ޑައިރެކްޓަރު ޖީތޫ ޖޯސެފްވަނީ ބުނެފައެވެ. އެހެންވެ މަލަޔާޅަމް ފިލްމާ އެއްގޮތަށް ބޭނުންވަނީ ހިންދީ ރިމޭކްގެ މަސައްކަތްވެސް އެއް ދުވަހެއްގައި ފަށަންކަމަށް ޑައިރެކްޓަރުވަނީ ބުނެފައެވެ.
ފިލްމު "ދްރިޝްޔަމް3"އަކީ ހިންދީ ރިމޭކް ގެނެސްދިން ޕެނެރޯމާ ސްޓޫޑިއޯސްއާއެކީ މަޝްވަރާކުރުމަށްފަހު ކުރިޔަށްގެންދަން ނިންމާފައިވާ ފިލްމެކެވެ. އަދި މިފިލްމުގެ ތިންވަނަ ބައިގައި ގެނެސްދޭން ނިންމާފައިވާ ސްޓޯރީ ލައިންއަކީ ހިންދީ ފިލްމުގެ ޓީމުން ހުށަހެޅި ޚިޔާލެއްކަމަށްވެސް މުނިފޫހިފިލުވާ ޙަބަރު ގެނެސްދޭން ބޮލީވުޑް ހަންގާމާއިންވަނީ ބުނެފައެވެ. މިފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ފިލްމު ރިލީޒްކުރުމަށްވެސް ނިންމާފައިވަނީ އެއް ދުވަހެއްގައެވެ.
މިފިލްމާއެކު މަލަޔާޅަމް އެކްޓަރު މޯހަން ލާލް އަދި އަޖޭ ދޭވްގަންގެ "ދްރިޝްޔަމް" ދަތުރު ދެ އޯޑިއަންސަށްވެސް އެއްފަހަރާ ބަލާލެވޭނެއެވެ.
އިންޑިއާގެ ކެރެލާ އޯޑިއަންސަށް "ދްރިޝްޔަމް3" ބަލާލުމުގެ ފުރުސަތު ލިބޭއިރު ހިންދީ ފިލްމު އޯޑިއަންސަށް "ދްރިޝްޔަމް3"ގެ ރިމޭކްވެސް ހަމަ އެދުވަހު ބަލާލުމުގެ ފުރުސަތު އޭރަށް ލިބޭނެއެވެ. އަޖޭ ދޭވްގަންގެ އިތުރުން ބަތަލާ ތައްބޫ ޝްރިޔާ ސަރަން އަދި އިޝާ ދައްތާ މުހިއްމު ރޯލްއިން ފެންނަ "ދްރިޝްޔަމް" ސީރީސްގެ ތިންވަނަ ފިލްމާއެކު ފިލްމުގައި ގެނެސްދެމުން އަންނަ ހާދިސާއަށް ނިމުމެއް އަންނާނެއެވެ.
މިފިލްމަކީ ވަރަށް ގިނަ ބަޔަކު ގިނަ ކަންތައްތަކެއް ތަޖުރިބާކުރި ފިލްމަކަށްވެފައި ފިލްމުގެ އެންމެ ފަހުބަޔަކީ މުޅި ޓީމަށްވެސް ވަރަށް ހާއްސަ ފިލްމަކަށްވާނެކަމަށް ޑައިރެކްޓަރު ޖީތޫ ޖޯސެފްވަނީ ބުނެފައެވެ.