15 Jun 2023, 09:03
ފިލްމީ ދާއިރާއި ދުވަސްކޮޅަކު ދުރުގައި ހުރި ނަމަވެސް އެނބުރި ފިލްމީ މަސައްކަތަށް ނުކުންނަށް އެންމެ ބޮޑަށް ބާރު އަޅަނީ ދަރިފުޅު ޓްވިންކަލް ކަންނާ ކަމަށް ކުރީގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ ބުނެފިއެވެ.
ޓްވިންކަލް އެކޭ އެއްގޮތަށް ހަގު ދަރިފުޅު ރިންކީ ކަންނާ ވެސް ބޭނުން ވަނީ ޑިމްޕަލް އެނބުރި ފިލްމީ ދާއިރާއަށް ނުކުންނަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މިހާރު ވެސް ފިލްމީ ދާއިރާއިން ލިބޭ ފުރުސަތުތަކާ މެދު ހިތުގައި ޝައްކު އުފެދޭ ކަމަށާއި އެ ފުރުސަތުތަކުގެ ބޭނުން ހިފަންވީތޯ ނުވަތަ ނޫންތޯ ހިތުގައި ސުވާލު އުފެދޭ ކަމަށް 66 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.
އޭގެ ސަބަބުން ބައެއް ފިލްމީ ކެރިއަރަށް އެ ކަމުގެ ހެޔޮ އަސަރުކޮށްފައިވާ ކަމަށް ވެސް ޑިމްޕަލް ވަނީ ބުނެފައެވެ.
ދާދި ފަހުން ޑިޒްނީ ހޮޓް ސްޓާގައި ޕްރިމިއަކުރި ވެބް ސީރީސް "ސާސް، ބަހޫ އޯރް ފްލެމިންގޯ"އަކީ ވެސް ޑިމްޕަލްގެ ޢާއިލާއިން ވަރަށް ބޮޑަށް އެ ކަމަށް ބާރު އެޅުމުން ގަބޫލުކުރި މަސައްކަތެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މި ޝޯވް ފުރަތަމަ ޑިމްޕަލްއަށް ހުށަހެޅިއިރު ސީރީސްގެ ވާހަކަ ވަރަށް ކަމުދިޔަ ކަމަށާއި އެހެންނަމަވެސް ޑިމްޕަލްއަކީ އެ ރޯލަށް އެންމެ ކަމުދާ ބަތަލާ ކަމާ މެދެ ހިތުގައި ސުވާލު އުފެދި އެ ރޯލު ފުރިހަމައަށް އަދާ ކުރެވޭނެކަމުގެ އިތުބާރު އަމިއްލަ ނަފުސަށް ނުލިބޭ ކަމަށް ޑިމްޕަލް ވަނީ ބުނެފައެވެ.
އެހެންވެ، މި ސީރީސް ފެށުމުގެ ދެ ދުވަސް ކުރިން އަމިއްލަ ވަކީލާ ވާހަކަ ދައްކައިގެން ވެސް އެ ސީރީސްއިން ވަކިވާން ނިންމި ކަމަށާއި އެހެންނަމަވެސް އެކަން އޭރު ކާމިޔާބު ނުވާތީ މިހާރު އުފާ ކުރާ ކަމަށް ޑިމްޕަލް ވަނީ ބުނެފައެވެ. މި ސީރީސްގައި ޑިމްޕަލް ކުޅެފައިވަނީ، ވަރަށް ނުފޫޒުގަދަ މައިދައިތަ އެއްގެ ރޯލެވެ. ދާދި ފަހުން ޑިމްޕަލް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި، "އަ ތާސްޑޭ"، "ބްރައްމަސްތުރާ"، "ޕަތާން" އަދި "ތޫ ޖޫތީ މޭ މައްކާރު" ހިމެނެއެވެ.
ޑިމްޕަލް ބުނި ގޮތުގައި ޢުމުރުން ދުވަސްވަމުންދާ ވަރަކަށް ފިލްމީ މަސައްކަތްތަކާ ދުރުހެލިވެ އަމިއްލަ ގޭގައި ހަމަޖެހިލައިގެން ދުވަސްތައް ހޭދަކުރުމަކީ އަބަދު ވެސް ބޭނުންވި ގޮތް ކަމުގައެވެ.
އެހެންނަމަވެސް ދޮށީ ދަރިފުޅު ޓްވިންކަލްގެ އެދުމުގެ މަތިން ޑިމްޕަލް ވަނީ ފިލްމީ މަސައްކަތްތައް ލިބޭ ވަރަކުން ފިލްމީ ދާއިރާއިން ކުރިއަށް ދާން ނިންމާފައެވެ. ޑިމްޕަލް ފިލްމެއް ގަބޫލު ނުކޮށްފިނަމަ ޕްރޮޑިއުސަރުން ޓްވިންކަލް ނުވަތަ ރިންކީއަށް އެ ޚަބަރު ދޭ ކަމަށާއި އެހާ ފަސޭހައިން މަސައްކަތުން ބޯދަމައިގަނެވެން އަދި ނެތް ކަމަށް ޑިމްޕަލް ވަނީ ބުނެފައެވެ.
ކުރީގެ ސުޕަސްޓާ ރާޖޭޝް ކަންނާގެ އަންހެނުން ޑިމްޕަލް ފިލްމީ ދާއިރާއަށް ނުކުތީ، ޢުމުރުން 16 އަހަރުގައި ފިލްމު "ބޮބީ"އިންނެވެ.