އަދާލަތު ޕާޓީގެ ޑރ. މުހައްމަދު ޢިޔާޒް އަބްދުއް ލަތީފާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގި ދަށުދަރަޖައިގެ ނާތަހުޒީބު އަމަލު އެ ޕާޓީން ކުށްވެރިކޮށްފިއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އިސް ފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސް އިޔާޒަށް މަގުމަތިން ހަނގާކޮށް، ހުރަސްއަޅާ، ހަޑިހުތުރު ބަހުން މުޚާތަބުކޮށް އަނިޔާވެރިވުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މުޒާހަރާގެ ބައިވެރިން ހިންގި ދަށުދަރަޖައިގެ ހުތުރު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ޕާޓީން ބުނީ އެކަމަކީ ވާދަވެރި ސިޔާސީ ފަރާތްތަކުން ރާވައިގެން ރާއްޖޭގެ އިސްލާމީ ދައުވަތަށް ހުރަސްއަޅާ ރާއްޖޭގެ ދީނީ އިލްމްވެރިންގެ އަގު ވައްޓާލުމަށް ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި އެކަމަކީ ހިނގަމުންދާ ރިޔާސީ ދައުރުގައި ރާއްޖޭގައި ގާއިމް ކުރެވިފައިވާ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ނަގާލާ އަނިޔާވެރިކަމާއި ހަމަނުޖެހުމުގެ ތެރެއަށް ގައުމު އަނބުރާ ގެންދިޔުމަށް ރާވައިގެން ހިންގާ އަމަލުތަކެއްގެ ބިރުވެރި ސިގްނަލެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން އިސްލާމީ ދައުވަތުގެ މައިދާނުގައި ކުރައްވާ މަސައްކަތް ކުޑަ ވެސް ފަސްޖެހުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޕާޓީން ވަނީ އަރުވާފައެވެ.

އިޔާޒަށް މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އޭނާ ސައިކަލު ދުއްވާފައި ދަނިކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުން އޭނާއަށް ހުރަސްއަޅައި ހަޑިހުތުރު ބަހުން ގޮވައި ފުރައްސާރަ ކުރާ މަންޒަރެވެ.