އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން ހިިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ވަޑައިގަތުމުން ކޮމިޝަންގެ މެންބަރުންގެ ފަރާތުން ފެނިގެންދިޔަ ލާއިންސާނީ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކޮމިޝަންގެ ރައީސް އާއި އެންމެހާ މެމްބަރުން އިސްތިއުފާ ދިނުމަށް ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ އޯޑަރަށް އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިންސާނީ ކަރާމަތަށް އަރައިގަނެ އެމަނިކުފާނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ގުޅޭގޮތުންނާއި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުގެ ބޭނުން ހިފަމުން ގެންދާ ދިވެހި ރައްޔިތުންނަށް ރައީސް އަންގައިގެން ފުލުހުން ތަކުރާރުކޮށް ދެމުންދާ އަނިޔާތަކުގެ ވާހަކަތައް ޙިއްސާ ކޮށް މަޝްވަރާ ކުރުމަށް އެ ކޯލިޝަންގެ ލީޑާޝިޕުން އެޗްއާރްސީއެމްއަށް ދިޔުމުން ކޮމިޝަނުން ޢަމަލުކުރަމުން ގެންދާ ލާއިންސާނީ ކަންކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރި ކުރާ ކަމަށެވެ.

އެގޮތުން އިދިކޮޅު ކޯލިޝަނުން އެޗްއާރްސީއެމްއާ ވީއެންމެ އަވަސް ފުރުޞަތެއްގައި ބައްދަލުކުރަން އެދުމުން ކޮމިޝަންގެ ރައީސް އާއި ކޮމިޝަންގެ މެންބަރުންނަށް ވަގުތު ނެތް ކަމަށް ވިދާޅުވެ، ކޮމިޝަންގެ ޒިންމާދާރު ޖަވާބުދާރީ ވެވޭނެ ބޭފުޅަކާއި ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދުމުން އެކަންވެސް ކޮށްދީފައި ނުވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެތަނަށް ފުލުހުން ގެނެސް އެޗްއާރްސީއެމްގެ ދޮރު ބަންދުކޮށް ކޮމިޝަނަށް ކަންކަންމުގައި ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ވަނަ ނުދިނުމަކީ އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ ޤާނޫނީ ޒިންމާ ޙަވާލުކުރެވިފައިވާ މުއައްސަސާއިން ކުރެއްވި ވަރަށްވެސް ލާ އިންސާނީ ޢަމަލެއް ކަމަށް ވަނީ ބުނެފައެވެ. އަދި އެ ކޯލިޝަނާއި ބައްދަލުކުރެވޭނީ ސަރުކާރުން ނަގަންޖެހޭ ހުއްދަ ލިބުމުންކަން ދޭހަވާ ގޮތަށް ވާހަކަ ދެއްކުން އެއީވެސް ބަލައިގަންނަން ދަތި ކަމެއް ކަމަށް އިކޮޅުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ޖަވާބުދާރިވެވޭ ފެންވަރުގެ ކޮންމެވެސް ބޭފުޅަކާއި ވީއެންމެ އަވަހަކަށް ބައްދަލުކޮށް އެ ކޯލިޝަނާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކެއް ޙިއްސާކޮށް އެކަންކަމުގައި އެ ކޮމިޝަންގެ ޤާނޫނީ ވާޖިބު އަދާކޮށްދެއްވައި ދިވެހި ރައްޔިތުންނަށާއި ރައީސް ޔާމީނަށް އިންސާފު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

"އެވަގުތު ކޮމިޝަންގެ ރިސެޕްޝަނުން ވާހަކަ ދެއްކެވި ޞެފުލަކު ވިދާލުވީ މިވަގުތު ބައްދަލުވުމެއްގަ ތިއްބެވުމުން މަޑުކޮށްލުމަށް. އެގޮތުން މިކޯލިޝަންގެ ލީޑާޝިޕުން މަޑުކޮށްލައިގެން ތިބޭތާ މިހާރު 8 ގަޑިއިރުވީއިރު ބޯނެ ފެންފޮދެއް ވެސް ދެއްވާފައި ނުވާއިރު ފާހާނާ ކުރެއްވޭނެ އިންތިޒާމުވެސް ހަމަޖައްސަވައި ނުދެއްވާ."ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

އިދިކޮޅު ކޯލިޝަނުން އެޗްއާރްސީއެމްގައި މަޑުކޮށްގެން -- ފޮޓޯ/ ޕީޕީއެމް

އިދިކޮޅުން ބުނީ ކޮމިޝަނުން ޢަމަލުކުރަމުން ގެންދަނީ އެ ކޮމިޝަންގެ ޤާނޫނާއި މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ޤާނޫނާއިވެސް ޚިލާފަށްކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެ ކޯލިޝަންގެ ލީޑާޝިޕުން އެ ކޮމިޝަނަށް ވަޑައިން ތިއްބެވީ އެ ކޮމިޝަންގެ މެންބަރުންގެ ނުވަތަ މުވައްޒަފުންގެ ކިބައިން އެބެފުޅުންނާއި ހަވާލުކުރެވިފައިވާ ޒިންމާގެ ބޭރުން ކަންތައްތަކެއް ކުރުމަށް އެދޭކަށް ނޫން ކަމަށް ވަނީ ބުނެފައެވެ.

"އަދި ޤާނޫނުން ޙަވާލުކުރެވިފައިވާ ޒިންމާ އަދާ ނުކުރެއްވޭނަމަ ނުވަތަ ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ޢުޒުރުވެރިވެ ވަޑައިންނަވާނަމަ ކޮމިޝަންގެ ޒިންމާ އަދާކުރެއްވުމަށް ހުވާ ކުރައްވައިގެން ތިއްބެވި ކޮމިޝަންގެ ރައީސް އާއި އެންމެހާ މެންބަރުން މިހާރުން މިހާރަށް އިސްތިޢުފާ ދެއްވުމަށް ގޮވާލަން"ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ޕީޕީއެމް ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ލީޑަރުންގެ ތެރެއިން އެޗްއާރުސީއެމްގެ މެމްބަރުންނާއި ބައްދަލުކުރައްވަން ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފުގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ.

މި ބޭފުޅުން އެޗްއާރުސީއެމަސް ވަޑައިގެންނެވި މައިގަނޑު ސަބަބަކީ ޖަލުގައި ހުންނެވި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދޭތެރޭ އަމަލުކުރަމުން އަންނަ ގޮތުގެ ކަންބޮޑުވުންތައް ޙިއްޞާކުރުމަށެވެ.

މި މައްސަލައިގައި އެޗްއާރުސީއެމްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.