14 Jun 2023, 23:43
އެސްޓީއޯގެ ފަރާތުން ތިން މުވައްޒަފަކު މިއަހަރުވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ފުރާނޭކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެކުންފުނީގެ ހަރަދުގައި މުވައްޒަފުން ހައްޖަށް ފޮނުވަމުންނެވެ. މިގޮތުން އެސްޓީއޯގެ ފަރާތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ތިން މުވައްޒަފަކު އަންނަ ހުކުރުދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިފަހަރު ހައްޖަށްދާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެސްޓީއޯ ފުވައްމުލައް ފިހާރަ، އެސްޓީއޯ ސ. ފޭދޫ ފިހާރަ އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލްގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ސައީދު ވަނީ ހައްޖަށް ފުރާ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ެަބްދުﷲ ސައީދު، އެކުންފުނީގެ ފަރާތުން ހައްޖަށް ފޮނުވާ މުއައްޒަފުންނާއި ބައްދަލުކުރެއްވުން-- ފޮޓޯ/ އެސްޓީއޯ
އެސްޓީއޯގެ ހަރަދުގައި މުވައްޒަފުން ހައްޖަށް ގެންދިއުމުގެ ސްކީމެއް މީގެ 7 ވަރަކަށް އަހަރުކުރިން ފަށާފައިވާއިރު، މި ސްކީމްގެ ދަށުން ޙައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅެނީ މީގެކުރިން ފަރުޟު ޙައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން އެ ކުންފުންޏަށް 10 އަހަރު ޚިދުމަތް ކޮށްފައިވާ މުއައްޒަފަކަށެވެ.
ޙައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން 1 ޖާގަ ޚާއްސަ ކުރެވެނީ އުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުންޏަށް އެންމެ ގިނަ ދުވަހު ޙިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ޙާޒިރީއަށް އެންމެ ރަގަޅު މުވައްޒަފުންނަށެވެ. ހައްޖަށް ފޮނުވުމަށް މުއައްޒަފުން ނަގަނީ ގުރުއަތުންނެވެ.
އެސްޓީއޯއިން ބުނީ 2016 ވަނަ އަހަރު ފެށި މި ޕްރޮގްރާމް ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން 2020 ވަނަ އަހަރު މެދުކެނޑުނު ނަމަވެސް އިންތިޒާމްތަށް ހަމަޖެހުމުން މިދިޔަ އަހަރުން ފެށިގެން މުވައްޒަފުން ހައްޖަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ
އެސްޓީއޯއިން އިތުރަށް ބުނީ، ކުރިއަށް އޮތް އަހަރުތަކުގައި ވެސް މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. ސަރުކާރާއި ރައްޔިތުން ޙިއްޞާވާ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ ފާހަގަކުރެވެނީ މުވައްޒަފުންނަށް އަމަލީ މައިދާނުގައި ވެސް ފަހި ފުރުސަތުތަކެއް ހުޅުވާލަދޭ ކުންފުންޏެއްގެ ގޮތުގައެވެ.