ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ވަނަ ދުވަހު ބަދަލުވި ގޮތް ބަލަން އެމްޑީޕީން ތަހުގީގެއް ފަށާފައިވާ ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.

މާލޭ ސިޓީ ހޯލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގު އެމްޑީޕީން ފަށާފައި ވަނީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި އެ ފަދަ ތަހުގީގެއް ފެށުމުގެ ބޭނުމަކީ ރައީސުލްޖުމްހުރިއްޔާ ކަމުގެ މަގާމަށް އަންނަ ބޭފުޅަކު ވެރިކަމުން ދުރު ކުރުމަށް "ބަޣާވާތެއް" ނުހިންގުން ކަމަށް ވެސް ވިދާޅުވި އެވެ.
~
މާރިޔާ ވިދާޅުވީ އެމްޑީޕީން ފެށި ތަހުގީގުން ވެރިކަން ބަދަލު ކުރުމަށް އިސްކޮށް އުޅުނު މީހުން މީހުންނަކީ ކޮބައިކަން އެނގޭނެ ކަމަށެވެ. އަދި އެ މީހުން އިންސާފުގެ ކުރިމަށްޗަށް ގެންދިއުމަށް ތަހުގީގުން ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ

"ތަހުގީގުގެ އެއް މަސައްކަތަކަށް ވާނީ ކުށް ކުރީ ކޮން ބައެއްތޯ ބަލައި އިންސާފުގެ ކުރިމަށްޗަށް ގެންދިއުން. ދެވަނަ ކަމަކަށް ވާނީ ވޯޓަކުން ނޫން ގޮތަކަށް މިރާއްޖޭގައި ބަޣާވާތް ކޮށްގެން ވެރިކަން ބަދަލު ކުރުމަށް ކުރިންސުރެ މިއޮންނަ ސަގާފަތް، ވޯޓަކުން ނޫން ގޮތަކަށް ރައްޔިތުންގެ ބާރުވެރިކަން ނުދާނެ ގޮތަކަށް ކަންތައްތައް އިންތިޒާމް ކުރުން. ރައީސް ނަޝީދު ކުރައްވާ އެންމެ ބޮޑު އިޖުތިމާއީ އެއް މަސައްކަތެއް ކަމަށް ކުރައްވަން ގަސްތު ކުރައްވާފައި ވަނީ މި މަސައްކަތް،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ބަލަން އެހެން ފަރާތްތަކުން ކުރަމުންދާ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް ރައީސް ނަޝީދު ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ހިއުމަން ރައީސްޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ވެސް ރައީސް ނަޝީދު ބަޔާނެއް ދެއްވާފައިވާ ކަމަށެވެ.

ވެރިކަން ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ފުލުހުން ދޭންޖެހޭ ރައްކާތެރިކަން ދިނުމުގެ ބަދަލުގައި ފެބްރުއަރީ 7، 8، ރައީސް ނަޝީދާމެދު ފުލުހުންގެ އަމަލު ކުރެއްވި ގޮތާ ބެހޭ ގޮތުން ވަރަށް އަވަހަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ވެސް ބަޔާނެއް ދެއްވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެމްޑީޕީން ފަށާފައިވާ ތަހުގީގު ކުރިއަށް ގެންދާތާ އެއް މަސް ވެފައިވާ ކަމަށެވެ. އަދި ވެރިކަން ބަދަލުވި ދުވަހުން ފެށިގެން ވެސް އެމްޑީޕީން މައުލޫމާތު އެއްކުރަމުންދާ ކަމަށާއި އަދި އެ ދުވަހުގެ ކަންތައްތައް "ލޮލުން ފެނި ކަންފަތަށް އަޑު އިވުނު" މީހުންނާ އިންޓަވިއުކޮށް ބަޔާން ނަގަމުންދާ ކަމަށެވެ.
މާރިޔާ ވިދާޅުވީ ވެރިކަން ބަދަލުކުރި މައްސަލާގައި ދައުވާ އުފުލާނީ ރާއްޖޭގައި ކޯޓެއްގައިތޯ ނުވަތަ ބައިނަލް އަގުވާމީ ކޯޓެއްގައިތޯ ނިންމާނީ ތަހުގީހުގެ ބަޔާންތައް ނަގައި އެ ތަހުގީގުގެ ނަތީއްޖާ ނުކުންނަ ގޮތުން ކަމަށެވެ. އަދި ކޯޓަކުން މައްސަލަ ސާބިތުވުމުގެ ކުރިން އެންމެންގެ ކުރިމަތީގައި ހިނގާފައިވާ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ.

"ބައެއް ކަންތައްތައް އެބަހުރި މިތާނގެ [ރާއްޖޭގެ] ކޯޓަކަށް ވެސް ނޫނެކޭ ނުބުނެވޭ ވަރަށް ހެއްކާއި ގަރީނާ ހުރި ކަންކަން... ތާރީހޭ ބުނެ މުއްދަތެއް ކަނޑައަޅައިގެން ކުރާނެ މަސައްކަތެއް ނޫން. މިއީ ހަމަ ކުރިއަށްދާނެ މަސައްކަތެއް. މި މަސައްކަތުގައި ހެއްކާއި ގަރީނާ އޮތްވަރަކުން ނުވަތަ ލިބުނު ވަރަކުން އަޅުގަނޑުމެން އިސާފުގެ ކުރިމަށްޗަށް ދާނަން،" މާރިޔާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ކެބިނެޓް ސެކަރެޓަރީ ހިސާން ހުސައިން ވިދާޅުވީ ތަހުގީގުގެ ސަބަބުން ޑިމޮކްރެޓިކް ވެރިކަމެއް ރާއްޖޭގައި ކުރުމަށް މަހު ފަހިވެގެންދާނެ ކަމަށެވެ. އަދި ވޯޓަކުން އައްޔަން ކުރާ ރައީސަކު ފިޔަވައި "ބަޣާވާތް" ކުރާ މީހަކު ރައީސް ކަމަށް އައުމުގެ ފުރުސަތު ބަންދުވެގެންދާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.