14 Jun 2023, 20:24
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް ހައްގުވާ އިހުތިރާމު ނުލިބޭ ކަމަށްބުނެ، އެ ކްލަބުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ފާޑު ކިޔައިފިއެވެ.
ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް މިމަހު ނިމުމަކަށް އައުމުން އެ ކްލަބު ދޫކޮށްލާނެކަން މެސީ ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އިއުލާންކޮށްފައެވެ. ޕީއެސްޖީ ދޫކޮށްލުމަށްފަހު އޭނާ ގުޅެން ނިންމާފައިވަނީ އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އެމެރިކާ ކްލަބު އިންޓަ މަޔާމީއާއެވެ.
ޕީއެސްޖީގައި މެސީ ހޭދަކުރި ދެ ސީޒަންގެ ތެރެއިން އޭނާއަށް އެންމެ އުނދަގޫތަކާ ކުރިމަތިވެފައިވަނީ ނިމިގެންދިޔަ ސީޒަންގައެވެ. އެގޮތުން ޕީއެސްޖީގެ ނަތީޖާތައް ގޯސްވުމާ ގުޅިގެން އެންމެ ބޮޑަށް ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވި އެއް ކުޅުންތެރިޔަކީ މެސީއެވެ.
"އަހަރެމެން ވާހަކަ މި ދައްކަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބެލެވޭ ކުޅުންތެރިޔާއާ ބެހޭގޮތުން. މެސީ ފަދަ ކުޅުންތެރިޔަކު ކްލަބު ދޫކޮށް ދިއުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ހަބަރަކަށް ނުވާނެ. ގިނަ ބަޔަކަށް އޭނާ ދިއުމުން އެއީ އުފާވެރިކަމަކަށް ވާން ޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނޭ. މެސީއަކީ އިހުތިރާމު ލިބެން ޖެހޭ ކުޅުންތެރިއެއް. އެކަމަކު މެސީއަށް ފްރާންސްގައި އެ އިހުތިރާމެއް ނުލިބޭ. އެއީ ވަރަށް ދެރަ ކަމެއް،" ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އުމުރުން 24 އަހަރުގެ އެމްބާޕޭ ބުންޏެވެ.
މެސީ ޕީއެސްޖީ ދޫކޮށް ދިއުމާއެކު ބްރެޒިލް ތަރި ނޭމާ ވެސް އެ ކްލަބު ދޫކޮށްލަން އުޅޭ ވާހަކަތަކެއް ވެސް ވަނީ މީޑިއާގައި ރިޕޯޓުކޮށްފައެވެ. އޭގެ އިތުރުން ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރަށް އާ ނުކުރާނެކަން އެންގުމަށް އެމްބާޕޭ ފޮނުވި ސިޓީއެއް ވެސް ދާދިފަހުން ވަނީ ލީކުވެފައެވެ.