14 Jun 2023, 23:30
އިދިކޮޅު މެމްބަރުން މަޖިލީސް ހަލަބޮލިކުރުމާއި ގުޅިގެން މަޖިލިސް ހުއްޓާލަންޖެހޭ ހިސާބަށް ދާން ޖެހުނީ ރިޔާސަތުން އެ ފުރުސަތު ދިނުމުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
ސަރުކާރާ ދެކޮޅު މެންބަރުން ތަޅުމުގައި އަޑުގަދަކުރުމާއި ގުޅިގެން އެންމެފަހުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ތަޅުން ކޮންޓްރޯލް ނުވެ މިއަދުގެ ޖަލްސާ ވެސް ނިންމާލާފައެވެ.
ޖަލްސާގައި އިދިކޮޅު މެމްބަރުން އަޑުގަދަކުރަން ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވައިލުމާ ގުޅޭ މައްސަލަ ޤަވާއިދާ ހިލާފަށް އެޖެންޑާ ކުރިކަމަށް ބުނެއެވެ.
މަޖިލިސް ހުއްޓާލި މައްސަލައާ ގުޅިގެން އެމްޑީޕީން ބުނީ، އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ޤަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން މަޖިލީހުގައި އިތުރު އެއްވެސް ކަމަކާއިމެދު ބަހުސް ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވަކިކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށެވެ.
މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން ދާއިމީ ކޮމިޓީތަކަކީ މެދުނުކެނޑި އަބަދުވެސް ދެމި އޮންނާނެ ކޮމިޓީތަކެކެވެ. މަޖިލީހުން އެހެން ގޮތަކަށް ފާސްނުކުރާހާ ހިނދަކު މަޖިލީހުގެ ޤަވާއުދުގައި ބުނާގޮތުގެ މަތިން ކޮމިޓީތަކުގައި ތިބި މެމްބަރުން އެ ކޮމިޓީތަކުގައި ދެމި ތިބޭނެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އެއްބާރުލުން ދިނީ، މިއަދުގެ ޖަލްސާގެ އެޖެންޑާގައި ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައާއި އިތުރު މުހިއްމު މަސައްކަތްތަކެއް އެޖެންޑާ ކޮށްފައި އޮތުމުން ކަމަށެވެ.
އެމްޑީޕީން ބުނީ މުހިއްމު ކަންތައްތަކެއް އެޖެންޑާކޮށްފައވަނިކޮށް މަޖިލިސް ކުރިއަށްގެންދިއުން ހުއްޓުވާފައިވާކަމީ އެ ޕާޓީން ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި، ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައަކީ މި ވަގުތު މަޖިލިސް ކުރިއަށްގެންދިއުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތްތައް ކަމަށެވެ.
މިގޮތުން މަޖިލީހުގެ ތަޅުމުގައި ކުރުމަށް މުހިއްމު މަސައްކަތްތަކެއް ހުރިއިރު، ޖަލްސާތައް ބާއްވައި މި ވަގުތު ހުއްޓިފައިހުރި މަސައްކަތްތައް ކުރިއަށްގެންދެވޭނޭ މަގު މަޖިލީހުގެ އިދާރާއިންނާއި މެމްބަރުން ފަހިކޮށްދިނުމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.