14 Jun 2023, 19:21
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ، ރެއާލް މެޑްރިޑާ ގުޅުމަކީ ވަރަށް އުފާކުރާނެ ކަމެއް ކަމަށް ރެއާލްގެ ފްރާންސް މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ ބުނެފިއެވެ.
ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރަށް އާ ނުކުރާނެކަން އެންގުމަށް އެމްބާޕޭ ފޮނުވި ސިޓީއެއް ދާދި ފަހުން ވަނީ ލީކުވެފައެވެ. އެހެންކަމުން ކޮންޓްރެކްޓް ނިމުމަކަށް އައުމުގެ ކުރިން އެމްބާޕޭ ވިއްކާ ނުލެވިއްޖެ ނަމަ، ޕީއެސްޖީން 2024 ވަނަ އަހަރު އޭނާ ދޫކޮށްލަން ޖެހޭނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
އެ ހަބަރާއެކު އެމްބާޕޭ ހޯދުމަށް ގިނަ ކްލަބުތަކަކުން ދަނީ މަސައްކަތްތަކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑާއި ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑުން ވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެކަމާ ގުޅޭގޮތުން އެމްބާޕޭއާއެކު ފްރާންސް ގައުމީ ޓީމަށް ކުޅޭ ކަމަވިންގާ ބުނެފައިވާ ގޮތުގައި އެމްބާޕޭއަކީ ކޮންމެ ޓީމަކުން ވެސް ބޭނުންވާނެ ފަދަ ކުޅުންތެރިއެކެވެ.
"އޭނާ އެވަނީ އެކަމާ ވާހަކަދައްކާފައި. އަހަރެން އެކަމުގައި ބުނާނެ އެއްޗެއް ނެތް. ރެއާލްއާ އެމްބާޕޭ ގުޅިއްޖެ ނަމަ، އަހަރެން ވަރަށް އުފާކުރާނަން. އޭނާއަކީ މޮޅު ކުޅުންތެރިއެއް، ކޮންމެ ޓީމަކުން ވެސް ބޭނުންވާނެ ފަދަ ކުޅުންތެރިއެއް. އެމްބާޕޭ އެ ނިންމި ނިންމުމަށް އިހުތިރާމުކުރަން ޖެހޭނެ،" ކަމަވިންގާ ބުންޏެވެ.
އުމުރުން 24 އަހަރުގެ އެމްބާޕޭ ހޯދުމަށް މިދިޔަ އަހަރު ވެސް ރެއާލުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ފަހު ވަގުތު އެމްބާޕޭ ނިންމާފައިވަނީ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމަށެވެ.