ރައީސް ޔާމީނުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ލީޑަރުން މިއަދު ހިއުމަން ރައިޓްސް ކޮމިޝަނަށް ވަޑައިގެން ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލުކުރެއްވުމަށް ވަޑައިގެން ކޮމިޝަނުގެ މެމްބަރުންގެ މެމްބަރުންނާއި ބައްދަލުނުވެ އެތައް އިރަކު ކޮމިޝަނުގެ ތެރޭގައި މަޑުކުރަން ޖެހިއްޖެ ކަމަށް ބުނެފިއެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ލީޑަރުންގެ ތެރެއިން އެޗްއާރުސީއެމްގެ މެމްބަރުންނާއި ބައްދަލުކުރައްވަން ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފުގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ.

މި ބޭފުޅުން އެޗްއާރުސީއެމަސް ވަޑައިގެންނެވި މައިގަނޑު ސަބަބަކީ ޖަލުގައި ހުންނެވި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދޭތެރޭ އަމަލުކުރަމުން އަންނަ ގޮތުގެ ކަންބޮޑުވުންތައް ޙިއްޞާކުރުމަށެވެ.

އެޗްއާރުސީއެމަށް ވަޑައިގެންނެވި ބޭފުޅުން ވިދާޅުވި ގޮތުގައި އެތަނުގެ ތެރޭގައި ތިބޭތާ 4 ގަޑިއިރަށް ވުރެ ގިނަ އިރުވީއިރު މެމްބަރުންގެ ފަރާތުން އެއްބާރުލުމެއް ނުލިބުނު ތާނގައި، އޮފީސް ގަޑި ޖެހުމުން ކޮމިޝަނުގެ މެމްބަރުން ވަނީ އެ ބޭފުޅުންނާ ބައްދަލު ނުކުރައްވައި ގެއަށް ވަޑައިގެންފައިވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރުން އެޗްއާރުސީއެމްގައި--

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް "ސަން"އަށް ވިދާޅުވީ، އެޗްއާރުސީއެމްގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވަޑައިގެންނެވުމުން އެހާގިނަ ވަގުތު އެތަނުގައި ހޭދަކުރުމުން ވެސް ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލު ނުވިކަމަށެވެ.

"މިހާރު މިތަނަށް ފުލުހުން ވެސް އަތުވެއްޖެ. އެބޭފުޅުން އަންގަވާ ގޮތެއްގެ މަތިން އަޅުގަނޑުމެން އަމަލުކުރާނަން" ޝަރީފް ވިދާޅުވިއެވެ.

މި މައްސަލައިގައި އެޗްއާރުސީއެމްގެ ބަހެއް ނުލިބެއެވެ.

ރައީސް ޔާމިނަށް ލިބެންޖެހޭ ހައްޤުތައް ގެއްލިފައިވާކަމަށެ ބުނެ ޕީޕީއެމް ޕީއެންސީ ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ލީޑަރުން ވަނީ މީގެ ކުރިން ރައީސް ޞާލިޙާ ބައްދަލުކުރުމަށް ރައީސް އޮފީހަށް ވެސް ވަޑައިގަންނަވާފައެވެ. ނަމަވެސް ރައީސްއާ ބައްދަލުވާ ގޮތެއް ނުވިއެވެ.