30 Apr 2012, 13:14
ހައްޖަށް ދިޔުމަށް ފައިސާ ދައްކަންގޮސް ހުރި މީހަކަށް ކަޓަރަކުން ބިރު ދައްކައި އެމީހާގެ ފައިސާތައް ބަޔަކު ފޭރިގެންފައިވާތީ އަމިއްލަ ޚަރަދުގައި އެމީހާ ހައްޖަށް ފޮނުވައި ދެއްވަން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ނިންމަވައިފި އެވެ.
ހައްޖަށް ދިޔުމަށްޓަކައި ދައްކަން ޖެހޭ 70،000ރ. ދައްކަން ބ. ތުޅާދޫ، އާފަސް، އަހުމަދު އަބްދުﷲ ކްލެސިފައި ހައްޖު އެންޑް އުމްރާ ގުރޫޕްގެ އޮފީހަށް ދިޔަ މަގުމަތީގައި މައްޗަންގޯޅި ސަހަރާކައިރިން އޭނާގެ އަތުން ފައިސާތައް ފޭރިގެންފައި ވަނީ މޫނުނިވާ ކޮށްގެން ތިބި ތިން މީހުންގެ ގުރޫޕަކުންނެވެ.
ސިޔާމް ވިދާޅުވީ އެމީހާގެ އަތުން ފައިސާ ފޭރިގަތްކަން އޭނާ އަށް އެނގިވަޑައިގަތުމާ އެކު އެމީހާ ހައްޖަށް ފޮނުވުމަށް ނިންމަވާ އެކަން އެމީހާ އަށް މިހާރު އަންގާފައި ވާނެ ކަމަށާއި އެގޮތަށް ނިންމެވީ މާތްﷲ އަށްޓަކައި ކަމަށެވެ.
"އެމީހާ އަށް ހައްޖަށް ދެވޭނެ އެއްވެސް ގޮތެއް ނެތިފައި ވަނިކޮށް އެމީހާ ހައްޖަށް ފޮނުވާދޭ ގޮތަށް ހަމަޖައްސާފައިވާ ވާހަކަ އެމީހާ ކައިރީ މިހާރު ބުނެފިން. އެމީހާ އެތައް ދުވަސްވަންދެން މަސައްކަތްކޮށްފަ ލާރި ޖަމާކޮށްފައި ވަނީ. އެފަދަ ތަނަވަސް ކަމެއް ނެތް މީހަކަށް އެގޮތަށް ކަންތައްތައް ދިމާވީމަ ﷲގެ ކިބަފުޅަށްޓަކައި ކުރެވުނު ކަމެއް އެއީ،" ސިޔާމް ވިދާޅުވި އެވެ.
އަހުމަދު އަބްދުﷲ އަކީ ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލެވެ. އޭނާ މިއަދު ވިދާޅުވީ އޭނާ ހައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށް ޓަކައި ސިޔާމަށް ޝުކުރު ދަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު އޭނާ އަތްދަބަހަށް ފައިސާ އަޅައިގެން ދަނިކޮށް ފައިސާތައް ފޭރިގަތީ ތިން މީހުންގެ ގުރޫޕަކުން ކަމަށާއި އެމީހުން ފައިސާތައް ފޭރިގަތީ ކަޓަރަކުން ބިރު ދައްކައި އޭނާގެ ޓީޝާޓް ވީދާލުމަށް ފަހު ކަމަށެވެ.
"އަޅުގަނޑު ސިޔާމަށް ޝުކުރުވެރިވަން. އަޅުގަނޑު ސިޔާމާއި ބައްދަލުކުރަން ވެސް ބޭނުން ވާހަކަ ދައްކަން ވެސް ބޭނުން. މިމަހުގެ 16 ވަނަ ދުވަހު ހެނދުނު 6:10ގައި އަޅުގަނޑު އެ ފައިސާ ދައްކަން ދިޔައީ އެދުވަހު 9:00ގައި ފުރަން ޖެހޭތީ. އަޅުގަނޑު އަތް ދަބަހައް އަޅައިގެން މައްޗަންގޯޅި ސަހަރާ ކައިރިން ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ކަޓަރުން ބިރުދައްކައި އަޅުގަނޑުގެ ޓީޝާޓު ވިދާލުމަށްފަހު ފައިސާ ފޭރިގަތީ،" އޭނާ ވިދާޅުވި އެވެ.