14 Jun 2023, 15:47
ރިޔާޟް (14 ޖޫން 2023): ސައޫދީ ވަލީއުލްއަހްދު އަދި އެގައުމުގެ އެންމެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ފަރަންސޭސިވިލާތަށް ވަޑައިގެންފިއެވެ.
ސައޫދީ ރަސްމީ ނޫސް އެޖެންސީ "ވާސް" ބުނާގޮތުން ބިން ސަލްމާނުގެ މިދަތުރުފުޅުގައި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލުކުރައްވައި އިގުތިސާދީ ގޮތުން ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި އަސްކަރީ, ދިފާއީ ކަންކަމާބެހޭގޮތުންވެސް ބަހުޘް ކުރައްވާނެއެވެ.
މީގެއިތުރުން މި ޖޫންމަހުގެ 22އިން 23އަށް ފަރަންސޭސިވިލާތުގައި އޮންނަ "ނިއު ގްލޯބަލް ފައިނޭންސިން ޕެކްޓް" ގައިވެސް ބިން ސަލްމާން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ސައޫދީ ރަސްމީ ނޫސް އެޖެންސީ ބުނާގޮތުން ބިން ސަލްމާނުގެ އަރިހުގައި ސައޫދީ މަތީފެންވަރުގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެތެރޭގައި ސައޫދީ ސަރުކާރާއި ޕްރައިވެޓް ސެކްޓާގެ ފަންނީ ބޭފުޅުންނާއި އެގައުމުގެ ބޮޑެތި ކުންފުނިތަކުގެ ވެރިން ހިމެނެއެވެ.
ބިންސަލްމާނު ފަރަންސޭސިވިލާތަށް މިވަޑައިގަތީ ސައޫދީ ޚާރިޖީ ސިޔާސަތަށާއި ސައޫދީން ގައުމުތަކުގައި ކުރާ އިންވެސްޓްމަންޓްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދެއަހަރު ސައޫދީވަނީ އެމެރިކާއާއި ޔޫރަޕްގައި ކުރާ އިންވެސްޓްމަންޓްތައް މަދުކޮށް އަރަބި ގައުމުތަކާއި އޭޝިއާގެ ގައުމުތަކުގައި ކުރާ އިންވެސްޓްމަންޓްތައް ގިނަކުރަން ފަށާފައެވެ.
މީގެއިތުރުން އެމެރިކާއަށް ގޮސް ހުސްވާގޮތަށް ކުރިން ގެންގުޅުނު ސިޔާސަތުވެސް މިހާރުވަނީ ބަދަލުކޮށްފައެވެ. މިހާރު އެމެރިކާއާއި ޗައިނާއާއި ރަޝިއާއާއެކު ސައޫދީވަނީ ތިލަފަތް ހަމަ ސިޔާސަތެއް ގެންގުޅެންފަށާފައެވެ. އަދި އީރާނާއެކު ބާއްވަމުން ގެންދިޔަ ހަތުރުވެރިކަން ކުޑަކޮށް ސައޫދީވަނީ އީރާނާވެސް ގުޅުންތައް އުފައްދާފައެވެ.
އަދި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލުމަށް ކުރިން ސައޫދީ ގެންގުޅުނު ސިޔާސަތުވެސް ދޫކޮށްލައި ބައްޝާރުގެ ސަރުކާރާ ސައޫދީ ވަނީ ގުޅުންތައް އުފައްދާފައެވެ. އަދި ދާދިފަހުން ސައޫދީ އިސްނަގައިގެން ސޫރިޔާވަނީ އަލުން އަނބުރައި އަރަބި ސަފަށްވެސް ގެނަސްފައެވެ.
މީގެއިތުރުން ރަޝިއާ ޔުކްރެއިންއާ ދެކޮޅަށްކުރާ ހަނގުރާމައާ ގުޅިގެން ރަޝިއާ އާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އެޅި އެއްވެސް ފިޔަވަޅެއްގައި ބައިވެރިވުމަށާއި އެއްވެސް ފިޔަވަޅަކަށް އެއްބާރުލުން ދިނުމަށްވެސް ސައޫދީވަނީ ފަސްޖެހިފައެވެ.