14 Jun 2023, 13:36
ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކޮށްފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފައިލްކޮށްފިއެވެ.
އަލީ ވަހީދުގެ މައްޗަށް ކުރީ، ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް އަލީ ވަހީދު ރާޢްޖެއިން ބޭރަށް ފުރައިގެން ދިޔުމަށް ފަހު އެނބުރި އައިސްފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތް ނުވެގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާލާފައެވެ. ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭ ގޮތް ވުމުން އަލުން ހުށަހެޅުމަށެވެ.
އެހެންކަމުން ޕީޖީން ވަނީ، އަލީ ވަހީދު އެނބުރި ރާއްޖެ އައުމުން މައްސަލަ އަލުން ހުށަހެޅުމަށް އަންގައި، މިދިޔަ އޮކްޓޯބަރު މަހު ފުލުހުންނަށް މައްސަލަ އަނބުރާ ފޮނުވާފައެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް އަލީ ވަހީދު ގެނައުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ. އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ބޭސްފަރުވާއަށް ކަމަށް ބުނެއެވެ.
ޕީޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަލީ ވަހީދު އަނބުރާ ގެނައުމަށް އެ އޮފީހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"މި މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމުގެ މުހިންމު ކަމާއި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަ ނުހިންގިއްޖެ ނަމަ، އަނިޔާ ލިބުނު މީހުންނާއި ހެކިންނަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލުމުގެ ފުރުސަތު އޮތް މިންވަރު ކްރިމިނަލް ކޯޓާއި ދިވެހިރާއްޖޭގެ ހައި ކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިވެސް ފާހަގަކޮށްފައިވާނެ،" ޕީޖީގެ ބަޔާނުގައިވެއެވެ.
އެ މައްސަލަ އަލުން ބެލުމަށް ޓަކައި ފުލުހުންނަށް ފޮނުވި ފަހުން، އެ މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ބަޔާން ދީފައިވާ މީހުން ވަނީ މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ބުނެ، އެ އޮފީހަަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައި ކަމަށް ޕީޖީން ބުންޏެވެ. އަދި އެ މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅި މުހިންމު ހެކިން, ކުރިން ތަހުގީގަށް ދީފައިވާ ބަޔާން އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ތަކުރާރުކޮށް ސިޓީ ފޮނުވަމުން ގެންދާތީ ފުލުހުން ވަނީ މައްސަލަ މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައި ކަމަށް އެ ބަޔާނުގައިވެއެވެ.
އެ ސިޓީތަކާ ގުޅިގެން ޕީޖީ އޮފީހުން އެ މީހުންނާ ބައްދަލުކޮށް، މައްސަލަ ކުރިއަށްގެންދިޔުމާ ގުޅޭ ގޮތުން ދެކޭ ގޮތް އޮޅުންފިލުވިއެވެ.
"އެމީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށްގެންދިޔުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރިއިރު މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށްވެފައި އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތު ކުރެވިދާނެ އެއްވެސް ގޮތެއް ނެތަތީ އިސްވެ ދެންނެވުނު ދައުވާތައް ކުރިއަށް ނުގެންދިޔުމަށް ނިންމައި، މައްސަލައަކީ އަނބުރާ ފޮނުވާފައިވާ މައްސަލައެއްގެ ގޮތުގައި 6 ޖޫން 2023 ވަނަ ދުވަހު މި އޮފީހުން ވަނީ ކަނޑައަޅާފަ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާގެ މައްސަލަ ފައިލްކޮށްފައިވީ ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާއަށް ރައްދުވާ ގޮތަށް ޕީީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައަކާ ގުޅިގެން، އޭނާ އެ ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ އެ ކޯޓުން އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވެއެވެ.