14 Jun 2023, 16:01
ބާވެ ގިނަ ދުވަސް ވުމުން އެ ތަނުގައި ޕާކިން ޒޯނެއް ހެދުމަށް ޣާޒީ ބިލްޑިން ތަޅާލަން ފަށައިފިއެވެ.
އެ އިމަރާތަކީ ސަރުކާރުގެ ގިނަ އޮފީސްތައް ހިންގި އިމާރާތެކެވެ. މީގެ ކުރިން "ސަން"އާ ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، އެ އިމާރާތް ތަޅާލަން ނިންމީ ބޭނުންކުރަން ރައްކާތެރި ނުވާ މިންވަރަށް ބާވުމުން ކަމަށެވެ.
އެތަނުގައި އެންމެ ފަހުން ހިންގީ އޮޑިޓާ ޖެނެރަލްގެ އޮފީހާއި ކަރެކްޝަނަލް ސާވިސަސްގެ އޮފީހެވެ. އެ އިދާރާތަށް ވެސް ދާދި ފަހުން ވަނީ އެހެން އިމާރާތްތަކަށް ބަދަލުކޮށްފައެވެ.
އަކްރަމް ވިދާޅުވީ މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް އެތަނުގައި ޕާކިން ޒޯނެއް ގާއިމްކުރުމަށް ކަމަށެވެ.
ޕާކިންގެ މައްސަލަ މާލޭގައި ބޮޑުވެފައި ވާއިރު، ސަރުކާރު އޮފީސްތައް ހިންގި ހުރަވީ ބިލްޑިން ވެސް މިދިޔަ އަހަރު ވަނީ ތަޅާލައިފައެވެ. އެ އިމާރާތް ވެސް ތަޅާލީ ބާވެ ބޭނުން ނުކުރެވޭ ވަރު ވުމުންނެވެ. އަދި ތަޅާލުމަށް ފަހު، އެ ބިމުގައި ވެސް ވަނީ ޕާކިން ޒޯނެއް ހަދައިފައެވެ.
ސަރުކާރުގެ އޮފީސްތައް ހިންގަން ދާދި ފަހުން ހުޅުމާލޭގައި ވަނީ އުމަރު ޒާހިރު ބިލްޑިންގެ ނަމުގައި އިމާރާތެއް ހުޅުވައިފައެވެ.