ހަރުދަނާ ޒުވާނަކަށްވުމަށް ޓަކައި މަދަރުސީ ތަޢުލީމުގެ 12 އަހަރު މުހިންމު ކަމަށާއި މަދަރުސީ ހަޔާތުގެ 10 އަހަރަށްވުރެ 12 އަހަރު ހުރިހާ ގޮތަކުން ވެސް މުހިންމު ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ކަލާފާނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.

ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންކަމުގައިވިޔަސް އެ ދެ އަހަރު ސްކޫލު މާހައުލުގައި ދަރިވަރު ހޭދަކުރުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ދަރިވަރަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ދެ އަހަރުތެރޭގައި ދަރިވަރަށް އޭނަ ކިޔަވަން ބޭނުންވާ ދާއިރާއިން އިތުރަށް މައުލޫމާތު ލިބިގެންދާނެ. އޭނަ ހެދިބޮޑުވުމަށް އިތުރަށް ވަގުތު ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މީހުންނާއި މުއާމަލާތްކުރުމާއި އެ އުމުރުފުރާގައި އެ ދިމާވާ ކަންތައްތައް ތަޖުރިބާ ކުރުމާއި އެކަންތައްތައް ހެޔޮގޮތުގައި ކުރިއަށް ގެންދިއުންފަދަ ހުރިހާކަމެއްގެ ތަޖުރިބާ އޯގާތެރި ވެއްޓެއްގައި ދަރިވަރުންނަށް ލިބުން މުހިންމުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލާ ސްކޮލަޝިޕްގެ ފުރުސަތުތަކަށް ކުރިމަތިލެވޭނީ އޭލެވެލް އޮވެގެންކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ އޭލެވެލް އޮވެއްޖެނަމަ ދުނިޔޭގެ ކޮންމެ ޔުނިވާސިޓީއަކުން ކޮންމެ އެއްޗެއް ކިޔެވުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް އެންމެ ރަނގަޅަށް މަތީތައުލީމާއި މަސައްކަތުގެ ތައުލީމާއި ހުނަރު ދެވޭނެ ގޮތަކީ ކޮބައިތޯ ވިސްނާލުން މުހިއްމު ކަމަށާއި ދަރިންނަށް ހޯދައިދޭން ބޭނުންވާ ކާމިޔާބީއާ އެ ދަރިންގެ ގައިގައި އަށަގަންނަވަން ބޭނުންވާ ހުނަރުތަކަކީ ކޮބައިތޯ އަމިއްލަ ނަފްސާ އެބަ ސުވާލުކޮށްލަންޖެހޭ ކަމަށެވެ. އަދި ކާމިޔާބު މީހަކަށްވުމަށް ޓަކައި މައިގަނޑު ދެ ސިފައެއް ހުންނަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ކުރިއަށްދާން ބޭނުންވާ ރޮނގަކުން އެކަށީގެންވާ މިންވަރަށް ތައުލީމާއި ހުނަރު ލިބިފައި ހުރުމަކީ ވެސް ކާމިޔާބު މީހަކަށްވުމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ.

"އެއް ސިފައަކީ ޖުމްލަގޮތެއްގައި ދަންނަވާނަމަ ރިވެތި އަޚުލާގުގެ ވެރިއަކަށްވުން. ދެވަނަ ސިފައަކީ އެމީހަކު ނޫނީ އެދަރިވަރަކު ވަޒީފާ އަދާކުރަން ބޭނުންވާ ދާއިރާއަކުން ތައުލީމާއި ތަމްރީނު އެންމެ ބޭނުންވާ މިންވަރަށް ހޯދުން. މިދެ ސިފަ ނެތި އަޅުގަނޑުގެ ނަޒަރުގައި ކާމިޔާބު މީހަކަށްވުމަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.