14 Jun 2023, 11:21
ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި އަންހެން މީހާ މާލެ ގެނެސް، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި ހޯމަ ދުވަހުގެ ރޭ ހިނގި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ އޭނާ ސައިކަލުގައި ދުއްވައިފައި ދަނިކޮށް މަގުމަތިން ހުރަސްކޮށްލި ބުޅަލަކަށް އެރި ވެއްޓިގެންނެވެ. އެ ބުޅާ މަރުވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓުވީ މީހާއަކީ ގދ. ވާދޫއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ އިއްޔެގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދާއިރު، އަދިވެސް އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓުގައި އޭނާގެ މޫނަށާއި ބޮލަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ފުވައްމުލަކު ދަނޑިމަގު އަވަށުގެ ނައިބުތުއްތު މަގުގައި އޭނާ ދުއްވައިފައި ދިޔައީ ދަރިފުޅު ގޮވައިގެންނެވެ.
އޭނާގެ ދަރިފުޅަށް މާ ބޮޑު އަނިޔާތަކެއް އެކްސިޑެންޓުގައި ވެފައެއް ނުވެއެވެ.