14 Jun 2023, 09:43
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އެޖެންޑާކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާ އެކު ސަރުކާރާ ދެކޮޅު މެންބަރުން ރިޔާސަތައް ހުރަސް އަޅެމުން، މަޝްވަރާއަށް ޖަލްސާ މެދު ކަނޑާލައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެފައިވާތީ, މިއަދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
ނަމަވެސް ޖަލްސާ ފެށުމާ އެކު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި އެޖެންޑާ އޮތީ ގަވާއިދާ ޚިލާފަށް ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ނިޒާމީ މައްސަަލަ އިއްވުމަށް އެތައް ފުރުސަތެއް އެރުވުމުން ވެސް އަލީ އާޒިމް ގެންދެވީ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންނަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.
އަދި، ކުއްލި މައްސަލަ ހުށަހަޅަން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރަށް ދެއްވި ފުުރުސަތުގައި ވެސް އަލީ އާޒިމް ވަނީ އާދަމް ޝަރީފްގެ މައިކު ކައިރިއަށް ވަޑައިގެން ވާހަކަ ދައްކަވަން މަސައްކަތް ކޮށްފައެވެ.
އޭރުވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންނާއި އިދިކޮޅަން ނިސްބަތްވާ މެންބަރުން ގެންދެވީ ތަޅުމުގައި އަޑުގަދަ ކުރަމުންނެވެ. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އަޑުގަދަ ކުރައްވާފައެވެ.
މީގެ އިތުރުން ކޮމިޓީތަކުގެ ކޮމްޕޮޒިޝަން އެކުލަވައިލުމުގައި އެމްޑީޕީއަށް 64 އިންސައްތަ ކޮންމެ ކޮމިޓީއަކަށް ލިބޭ ގޮތަށް އެކަލަވާލުމަށް ހުށަހަޅާފައި ވާތީ ހެންވޭރު ހުޅަނގު މެންބަރު ހަސަން ލަތީފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅާއިރު ކީއްވެގެންތޯ މުޅި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު، އެއީ ޕާޓީތަކަށް ނިސްބަތްވާ، އެއީ ކޮމިޓީތަކަށް ކަނޑައަޅާ އަދަދުގެ ގޮތުގައި ބަލަނީ. އޭގެ އިތުރުން ކޮންމެ ކޮމިޓީއަކަށް ވަކިން އެ ޕަސެންޓޭޖް މި ދެނީ، އެއީ ކޮން އުސޫލަކުންތޯ؟" ހަސަން ލަތީފު ވިދާޅުވިއެވެ.
އެއަށް ފަހު ކުޑަހުވަދޫ ދާއިރާގެ މެންބަރު ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި އެ މައްސަލައިގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ފަހު މަޖިލިސް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފައެވެ. އެއާ އެކު ރިޔާސަތުން ވަނީ މަޖިލީސް ތަމްސީލް ކުރައްވާ ޕާޓީތަކަށް މަޝްވަރާ ކުރުމަށް ފުރުސަތު އަރުވައި ޖަލްސާ މެދުކަނޑާލާފައެވެ.