ގައުމީ ހެލްތު އިންޝުއަރެންސް، އާސަންދައަށް ބަދަލު ގެނައުމަށް މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓް ފާސްވިޔަކަ ނުދޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ދައުލަތުގެ ބަޖެޓްގައި އާސަންދައަށް ހަރަދު ކުރަމުންދަނީ ހުއްދަކޮށްފައިވާ މިންވަރަށް ވުރެ، އިތުރަށް ކަމަށްވާތީ އާސަންދަ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓާ ބެހޭ ގޮތުން، މަޖިލިސް ކުރާގޭ ކައިރީގައި ހުންނަވައިގެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ރިޔާޒް ވިދާޅުވީ އެ ރިޕޯޓަކީ ހީލަތްތެރި ރޭވުމެއްގެ ދަށުން މާލިއްޔަތު ކޮމެޓީން ފާސް ކުރި ރިޕޯޓެއް ކަމަށެވެ. އަދި ރައްޔިތުންނަށް ހިލޭ ލިބެމުން ދިޔަ ބޭސްފަރުވާގެ ނިޒާމަށް ބަދަލުތަކެއް ގެނެސް ރައްޔިތުންގެ އަތުން ފައިސާތަކެއް ހަރަދު ވުމަކީ ރައްޔިތުން ރުހޭނެ ކަމެއް ނޫން ކަމަށާއި އަދި އެމްޑީޕީ ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"ގައުމީ ހެލްތު އިންޝުއަރެންސް ސުކީމް، އާސަންދައިން ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމަށް އުނިއިތުރު ކުރުމެއް ގެނެވޭނެ ގޮތަކަށް މަޖިލީހުގެ ފުލޯއަށް ގެނެސްގެން ވާހަކަދައްކައިގެން ނުވާނެ. އަދި އެއީ މި މަޖިލީހުން ކުރެވޭނެ ކަމެއް ވެސް ނޫން. އެ އަޑު އުފުލުމުގައި މިއަދު ވެސް އަޅުގަނޑުމެން މިތިބީ،" މަޖިލީހުގެ ތެރޭގައި ނިޒާމް ގެއްލުވާލި ކަމަށް ބުނެ މިއަދުގެ ޖަލްސާގައި ނަންއިއްވައި މަޖިލީހުގެ ތަޅުމުން ނެރުނު ރިޔާޒް ވިދާޅުވި އެވެ.

ފާއިތުވެ ދިޔަ ތިން މަހުގެ ހިސާބުތަކަށް ބަލައިގެން މާލިއްޔަތު ކޮމެޓީން އަންދާޒާ ކުރާ ގޮތުގައި އާސަންދަ އަށް ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާ މި އަހަރުގެ އޮކްޓޫބަރު މަހަށް ހުސްވާނެ އެވެ. އެއީ މިއަހަރުގެ ބަޖެޓްގައި އާސަންދައަށް ހަރަދު ކުރުމަށް ހިމަނާފައިވާ 720،336،200 ރ. އެވެ. އާސަންދަ ނިޒާމުން މިހާރު ހިނގަމުން އަންނަ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ނަމަ މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އާސަންދަ އަށް ހަރަދު ކުރުމަށް އިތުރު 179،790،828ރ. ބޭނުންވާނެ ކަމަށް ވެސް މާލިއްޔަތު ކޮމެޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވެ އެވެ.