14 Jun 2023, 09:01
ޝާހްރުކް ޚާންއަށް ސަޕޯޓަރުންގެ ފަރާތުން ރޭގަނޑުގެ ކެއުމެއް ދީފިއެވެ.
ޝާހްރުކް ޚާންއަކީ ދޭތެރެ ދޭތެރެއިން އަމިއްލަ ޓްވިޓަ އެކައުންޓު މެދުވެރިކޮށް ސަޕޯޓަރުންނާ ގުޅުން ބަދަހިކުރާ އެކްޓަރެކެވެ. ދާދިފަހުން ޓްވިޓަ މެދުވެރިކޮށް އެކްޓަރު ކުރިޔަށްގެންދިޔަ 'އާސްކް އެސްއާރްކޭ' ސެޝަންގައި ޝާހުގެ ސަޕޯޓަރަކުވަނީ ރޭގަނޑުގެ ކެއުން ކައިފިންތޯ އަހާފައެވެ. މިސުވާލަށް ޖަވާބު ދެމުން ޝާހުބުނީ އެސުވާލުކުރި ސަޕޯޓަރަކީ އަނެއްކާ ސުވިގީ މީހެއްތޯއެވެ. ކަންދިމާކުރިގޮތުން ޝާހުއަށް ސަމާސާ ރާގަކަށް ޖަވާބުދެވުނީ ހަޤީޤަތުގައިވެސް އިންޑިއާގެ ސްވިގީގައި މަސައްކަތްކުރާ ސަޕޯޓަރަކަށެވެ.
އޭގެ އިރުކޮޅެއްފަހުން ސްވިގީގެ ހަތް މެމްބަރުން ހިމެނޭ މި ގްރޫޕުންވަނީ ޝާހްރުކް ދިރިއުޅޭގެ މަންނަތުގެ ބޭރުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. ޓްވިޓާ މެދުވެރިކޮށް ޝާހްރުކްގެ ޕޯސްޓުތަކަށް ޖަވާބުދެމުން މި ހަތް މެމްބަރުން ބުނީ އެއީ ސްވިގީގެ މުވައްޒަފުން ކަމަށާއި ވަގުތުން ވަގުތަށް އެރޭގެ ކެއުން އެމީހުން އެންމެ ލޯބިވާ އެކްޓަރަށް ދޭން އައީކަމަށެވެ.
ސްވިގީއަކީ އޮންލައިންކޮށް އޯޑަރު ނަގައިގެން، އިންޑިއާގެ އެކި ސަރަޙައްދުތަކަށް ކެއުންތައް ފޯރުކޮށްދޭ ބަޔެކެވެ. އިންޑިއާގެ ބެންގަލޯރުގައި 2014ވަނަ އަހަރުން ފެށިގެން ތައާރަފުކުރި މި ޕްލެޓްފޯމް މެދުވެރިކޮށް 500އަށްވުރެ ގިނަ ސިޓީތަކުގައި ކެއުންތައް ފޯރުކޮށްދިނުމުގެ ޚިދުމަތް ސްވިގީއިން ދެއެވެ.
ޝާހުރުކްގެ ފަރާތުން ސްވިގީއިންކުރި ޓްވީޓްތަކަށް އަދި ޖަވާބެއް ލިބިފައިނެތް ނަމަވެސް މި ޕޯސްޓުތަކަށް 1.3 މިލިއަން ވިއުސްވަނީ ލިބިފައެވެ. ސްވިގީއިން ޝާހްރުކް ދިރިއުޅޭ މަންނަތަށް ކާއެއްޗެތި ފޯރުކޮށްދީފައިވަނީ އެކްޓަރު ޖަވާބުދިންތާ ހަތަރު ގަޑިއިރުގެތެރޭގައެވެ.
ބައެއް ސަޕޯޓަރުން ޝާހުގެ ގާތުން އެދިފައިވަނީ ސްވިގީ މެމްބަރުންނަށް މަރުހަބާ ކިޔުމަށާއި ގޭގެ މައި ގޭޓު ހުޅުވާލަދިނުމަށެވެ.
ޝާހުއާއި ސަޕޯޓަރުންނާ ދެމެދު ކުރިޔަށްދިޔަ 15 މިނެޓުގެ ސެޝަންގައި އެކްޓަރުގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކާބެހޭގޮތުން ވެސް ވަނީ ވާހަކަދައްކާފައެވެ. ގިނަ ބައެއްގެ ލޯތްބާއި އިޙުތިރާމު ހޯދާފައިވާ ބޮލީވުޑްގެ ކިންގް ޚާންއަކީ ސަޕޯޓަރުންނާ ވަރަށް ގާތްގުޅުމެއް ބާއްވާ އެކްޓަރެކެވެ. ދާދިފަހުން ޝާހުވަނީ ޓްވިޓަ މެދުވެރިކޮށް އެކްޓަރަށް ސަޕޯޓުކުރާ ކެންސަރު ބަލީގެ މީހަކާއެކުވެސް ވީޑިއޯ ކޯލް މެދުވެރިކޮށް ވާހަކަ ދައްކާފައެވެ.