14 Jun 2023, 08:48
ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އަދި ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ފިލްމު "ބަވާލް" ޑިޖިޓަލް ޕްލެޓްފޯމްއެއްގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.
މީގެކުރިން ސިނަމާތަކަށް ގެންނަން އޮތް ފިލްމު "ބަވާލް" ރިލީޒްކުރުމަށް ނިންމާފައިވަނީ އެމޭޒަން ޕްރައިމް ވީޑިއޯގައެވެ. ޒުވާން ބަތަލާ ޖާންވީ ކަޕޫރާއި އެކްޓަރު ވަރުން ދަވަން އެކީގައި ލީޑް ރޯލްއިން ފެންނަ ފުރަތަމަ ފިލްމު ބެލުންތެރިންނަށް ފެންނާނީ މިއަހަރުގެ އޮކްޓޯބަރު މަހުއެވެ. ފިލްމު ޕްރިމިއަކުރާނެ ވަކި ތާރީޚެއް އަދި އިއުލާނުނުކުރެއެވެ.
ފިލްމު "ބަވާލް"އަކީ މިހާތަނަށް ސާޖިދު ގެނެސްދީފައިވާ ފިލްމުތަކުގެތެރެއިން ވަރަށް ޚާއްޞަ ފިލްމެކެވެ. ސާޖިދުގެ ގިނަ ފިލްމުތަކަކީ ކޮމާޝަލް ފިލްމުތައް ނަމަވެސް މިފިލްމު ޑިޖިޓަލް ޕްލެޓްފޯމަކަށް ދޫކޮށްލަން ނިންމީ ފިލްމުގެ ތަރިންނާވެސް މަޝްވަރާކުރުމަށްފަހު ވިޔަފާރީގެގޮތުން މާބޮޑު ގެއްލުމެއް ފިލްމަށް ނުވާނެކަން ޔަގީންވުމުންނެވެ.
ސާޖިދުއެކޭ އެއްގޮތަށް ފިލްމުގެ ކުރޫއިންވެސް ގަބޫލުކުރަނީ ޑިޖިޓަލް ޕްލެޓްފޯމަކުން ފިލްމަށް ލިބޭނެ ތަރުހީބު ކުޑަނުވާނެކަމަށެވެ. އަދި ބެލުންތެރިންނަށް ފިލްމު ކަމުދާނެކަމުގެ ފުރިހަމަ ޔަގީންކަން މިފިލްމުގެ ޓީމަށް އެބައޮތްކަމަށް އެފަރާތާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވަނީ ބުނެފައެވެ. މިފިލްމަކީ ވަރުންއާއި ޖާންވީގެ ކެމިސްޓްރީ އަލަށް ފެންނާނެ، ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ފިލްމު "ބަވާލް" ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި އޮތްއިރު ވަރުން އަންނަނީ އެމެރިކަން ވެބް ސީރީސް "ސިޓަޑެލް"ގެ އިންޑިއާ ސީރީސްގައިވެސް މަސައްކަތްކުރަމުންނެވެ. ވަރުން އެންމެފަހުން ބެލުންތެރިންނަށް ފެނުނީ މިދިޔައަހަރު ރިލީޒްކުރި ފިލްމު "ޖުގް ޖުގް ޖިއޯ" އަދި ފިލްމު "ބޭޅިޔާ"އިންނެވެ.
އުމުރުން 26 އަހަރުގެ ޖާންވީ ވަނީ ފިލްމު "ބަވާލް"ގެ އިތުރުން އެހެން ދެ ފިލްމަކަށް ސޮއިކޮށްފައެވެ. އެއީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައިއޮތް ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ" އަދި ތެލުގޫ ފިލްމެއްކަމަށްވާ "ދެވަރަ"އެވެ. މިފިލްމުގައި ޖާންވީއާއެކު ލީޑް ރޯލްއިން ފެންނާނީ ކާމިޔާބު ތެލުގޫ އެކްޓަރު އެންޓީއާރް ޖޫނިއައެވެ.