އާ މައުލޫމާތު ދަސްކުރުމުގައި އިންސާނުންނާ ވަރަށް އެއްގޮތް ގޮތްތަކެއް ގެންގުޅޭނެ ގޮތަކަށް ފަރުމާކޮށްފައިވާ 'އާޓިފިޝަލް އިންޓެލިޖެންސް އިމޭޖް ކްރިއޭޝަން މޮޑެލް'އެއް މެޓާއިން ތައާރަފުކޮށްފިއެވެ.

މެޓާ ޕްލެޓްފޯމްސްއިން އިއްޔެ ބުނީ، އެ ކުންފުނިން ނެރެފައި ވަނީ މިހާރު ހުރި މޮޑެލްތަކަށް ވުރެ ރަނގަޅަށް ފޮޓޯތައް އެނެލައިޒްކޮށް ފުރިހަމަ ކުރެވޭނެ އޭއައި މޮޑެލްއެއް ކަމަށެވެ.

އައި-ޖޭއީޕީއޭ ނަމަކަށް ކިޔާ މި މޮޑެލްގައި ފޮޓޯ އުފެއްދުމުގެ މަސައްކަތް ހިނގާނީ ދުނިޔެއާ ބެހޭ މައުލޫމާތު ބޭނުންކޮށްގެން ކަމަށާއި، ކުރީގެ ފޮޓޯތައް އަލުން ފުރިހަމަކުރުމުގެ ބަދަލުގައި މި މޮޑެލްއިން އުފައްދާނީ މުޅިން އައު ކްރިއޭޓިވް ފުރިހަމަ ފޮޓޯތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މެޓާއިން ބުނީ، އެ ކުންފުނީގެ އެންމެ އިސް އޭއައި ސައިންޓިސްޓް ޔާން ލެކުންގެ ވިސްނުމާ އެއްގޮތަށް މި މޮޑެލްގައި އިންސާނުންނާ އެއްގޮތް ގޮތަކަށް ވިސްނުމުގެ ގާބިލުކަން ހިމަނާފައިވާ ކަމަށާއި، އޭއައި ޖެނެރޭޓެޑް ފޮޓޯތަކަށް އާންމުކޮށް ދިމާވާ ގޯސްތަކުން ސަލާމަތްވުމަށް އެހީވެދޭ އެތައް ކަމެއް މި މޮޑެލްގައި ހިމަނާފައި ވާނެކަމަށެވެ.

ފޭސްބުކްއާއި އިންސްޓަގްރާމް ހިންގާ މެޓާ އަކީ އެ ކުންފުނީގެ ރިސާޗް ލެބްއިން ކުރާ ދިރާސާތަކާ ބެހޭ މައުލޫމާތު އެންމެންނަށް ވެސް ލިބޭ ގޮތަށް، އާންމުކުރާ ކުންފުންޏެކެވެ. މެޓާގެ ސައިންސްވެރިން އުފެއްދި މޮޑެލްތައް ހިއްސާކުރުމުން އިނޮވޭޝަނަށް ހިތްވަރު ދެވި، ރައްކާތެރިކަން ކަށަވަރުކުރުމުގައި ހުރި ފަރަގުތައް ދެނެގަނެވި، ހަރަދުތައް ކުޑަކޮށްގެން ކުންފުންޏަށް އެހީތެރިވެދެވޭނެ ކަމަށް ޗީފް އެގްޒެކެޓިވް މާކް ޒަކަބާގް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މާ ރަނގަޅު ވާނީ އަޅުގަނޑުމެން ބޭނުންކުރާ އަސާސީ ވަސީލަތްތައް މި ދާއިރާއިން ސްޓޭންޑަޑައިޒް ކޮށްފިއްޔާ، އެހެން މީހުން އެއަށް ގެންނަ ހެޔޮ ބަދަލުތަކުން އަޅުގަނޑުމެންނަށް ފައިދާ ލިބޭނެ،" އޭޕްރީލް މަހު އިންވެސްޓަރުންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

އޭއައި ޓެކްނޮލޮޖީގެ ނުރައްކާތަކާ ބެހޭ ގޮތުން ދާއިރާގެ އެހެން ފަރާތްތަކުން ދިން އިންޒާރުތަކަށް މެޓާގެ އިސްވެރިން މާބޮޑު ސަމާލުކަމެއް ދީފައިނުވެއެވެ. އެގޮތުން، މިހާރު ތަރައްގީ ކުރަމުންދާ އޭއައި މިގޮތަށް ކުރިއަށްދާނަމަ އެއީ ހަނގުރާމައާއި ބަލިމަޑުކަމަށް ވުރެ ވެސް ނުރައްކާތެރި ކަމެއް ކަމަށް ބުނެ އޯޕަންއޭއައި، ޑީޕްމައިންޑް، މައިކްރޮސޮފްޓް އަދި ގޫގުލްއިން ސޮއިކޮށްފައިވާ ބަޔާނެއްގައި މެޓާއިން ސޮއިކޮށްފައިނުވެއެވެ.

އެ ކުންފުނިތަކުން އެފަދަ ބަޔާނެއް ނެރުނު ނަމަވެސް، "އޭއައިގެ ބައްޕަ"އެއްގެ ގޮތުގައި ދެކޭ ލެކުން ވަނީ "އޭއައި ޑޫމަރިޒަމް"އާ ދެކޮޅަށް އަޑުއުފުލައި، އޭއައި ސިސްޓަމްތަކަށް ސޭފްޓީ ޗެކްސް އިތުރުކުރުން މާ މުހިންމު ކަމުގައި ދެކޭ ކަމަށް ބުނެފައެވެ.

މެޓާއިން ދާދި ފަހުން ވަނީ، ލިޔުމުން ދޭ އިރުޝާދަކުން ފޮޓޯތަކަށް ބަދަލު ގެނެވޭނެ އޭއައި ފީޗާއެއް އެ ކުންފުނީގެ ސޯޝަލް މީޑިއާ އެޕްތަކަށް ތައާރަފުކޮށްފައެވެ.