ރައީސް ޔާމީނުގެ ޝަރީއަތް ލަސްކުރުމަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް މިރޭ އަމާޒުކޮށްފިއެވެ.

ރައީސް ޔާމީނުގެ ޝަރީއަތްތައް ކުރިއަށްދާ ގޮތާއި ބެހޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނުގެ ޝަރީއަތް ކުރިއަށްދާ ގޮތާ މެދު ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

ރައީސް ޔާމިނަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިއުލާނުކޮށްފައިވާ ކެނޑިޑޭޓެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނުގެ ޝަރީއަތް ދިގުދެންމުމަށް ރައީސް ޞާލިހް މަޤާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރައްވަމުން ގެންދަވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ޤާނޫނު އަސާސީގައި ބާރުތައް ވަކިވެފައި އޮތް ނަމަވެސް މިއަދު ފެނިގެން މިދަނީ ވެރިކަން ހިންގާ ފަރާތުން އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވައިގެން އުސޫލުން ބޭރުން ކަންކަން ކުރަމުންގެންދާ މަންޒަރު ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިގޮތުން ޤާނޫނު އަސާސީގައި ހަމަހަމަ ކަމާއި އެންމެނަށް އަދުލުވެރިކަމާ އެކު އިންސާފް ލިބެން ޖެހޭނޭ ކަމަށް ބަޔާންކުރި ނަމަވެސް ސަރުކާރުގެ އަމަލުތައް ހުރިގޮތުން މިހާރު އެކަން އެމަގުން ދާނޭކަމުގެ ޔަޤީންކަން މިއަދު ނެތްކަން ވެސް އޭނާ ފާހަގަކުރިއެވެ.

"އިއްޔެ ވެސް މާފުށީ ޖަލުގެ ކުޑަ ގޮޅިއެއްގައި އެކަނިމާ އެކަނި ވަކީލުންވެސް ނެތި 13 ގަޑިއިރު ރައީސް ޔާމީނު ބައިންދައިގެން ޝަރީއަތެއް ކުރިއަށްގެންގޮސްފި. މިއަދު ވެސް 9 އެއް ޖެހިއިރު ތާވަލުކުރި އަޑުއެހުން ހަވީރު 4 ޖެހިއިރު މެދުކަނޑާލީ. މިހުންނަނީ އަނިޔާ. މިއަށް ކިޔަނީ ނިޒާމުން ކުރާ އަނިޔާ" ޝިޔާމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިތުރަށް ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުތުމަށް އިއުލާނު ކުރައްވާފައިވާ ބޭފުޅަކާއި ދެކޮޅަށް މިގޮތަށް ކަންތައްތައް ވަމުންދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. މިއީ ރައީސް ޔާމީނު ރިޔާސީ އިންތިހާބަށް ނިކުންނަވާތީ، އެކަން އެމަގުންވިޔަ ނުދިނުމަށް ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ޝިޔާމް ސިފަކުރެއްވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ހިންގަމުންދާ ޝަރީއަތް ދިގުލައިގެންދާތީވެ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނު ފާހަގަކޮށްފައިވާއިރު، ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.