13 Jun 2023, 21:02
އެމެރިކާގެ އިންޓަ މަޔާމީއާ ގުޅުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް އިހުތިރާމު ކުރާ ކަމަށާއި ނަމަވެސް މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ކާމިޔާބުކުރުމަށް ބިރެއް ނެތް ކަމަށް ލޮސް އެންޖެލަސް އެފްސީ (އެލްއޭއެފްސީ)ގެ މެކްސިކޯ ފޯވަޑް ކާލޮސް ވެލާ ބުނެފިއެވެ.
އެމްއެލްއެސްގެ ވެސްޓާން ކޮންފަރެންސްގެ ތާވަލުގައި މިވަގުތު އެލްއޭއެފްސީ އޮތީ ކުޅުނު 14 މެޗުން ލިބުނު 26 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ސެއިންޓް ލުއިސް އާއި ދެވަނައިގައި އޮތް ސިއޭޓަލް ސައުންޑާސް ވަނީ އެލްއޭއެފްސީއަށް ވުރެ އިތުރަށް މެޗު ކުޅެފައެވެ. ސެއިންޓް ލުއިސްއަށް 16 މެޗުން 29 ޕޮއިންޓް ލިބިފައިވާ އިރު، ސިއޭޓަލް ސައުންޑާސްއަށް 18 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. އެހެންކަމުން ތާވަލުގެ އެއްވަނައަށް ޖެހިލުމަށް އެލްއޭއެފްސީއަށް ބޮޑު ފުރުސަތެއް އެބައޮތެވެ.
މެސީ ގުޅުނު އިންޓަ މަޔާމީ އޮތީ 14 ޓީމު ހިމެނޭ ވެސްޓާން ކޮންފަރެންސް ތާވަލުގެ 13 ވަނައިގައެވެ. އިންޓަ މަޔާމީ ކުޅުނު 16 މެޗުން 13 ޕޮއިންޓް ލިބިފައިވުމުން، ތާވަލުގެ ކުރިއަށް ގެންގޮސްދިނުމަށް މެސީއަށް ކުރަން އޮތް މަސައްކަތް ބުރަވާނެއެވެ.
އެލްއޭއެފްސީގެ ވެލާއަކީ މިވަގުތު އެމްއެލްއެސްގައި އެންމެ ވިދާލާ ކުޅުންތެރިޔާއެވެ. އެމްއެލްއެސްގައި އެންމެ ގިނައިން ވިކެމުންދާ ޖާޒީއަކީ ވެސް ވެލާގެ ޖާޒީއެވެ. ނަމަވެސް މެސީ ގުޅުމާއެކު އެ ހުރިހާ ކަމަކަށް ބަދަލު އަންނާނެކަމުގެ ފުރުސަތު ބޮޑެވެ.
"އެމްއެލްއެސްއާ މެސީ ގުޅުމަކީ ވަރަށް ރަނގަޅުކަމެއް. އެކަމަކު އަހަރެން އަދިވެސް ގަބޫލުކުރަނީ ލީގު ޗެމްޕިއަންކަން ބޭނުންވެގެން އުޅޭ ޓީމަކީ އަހަރެމެން ކަމަށް. އިދިކޮޅުން ނުކުންނަ ޓީމުތަކުގައި ކޮންމެ ކުޅުންތެރިޔަކު ހުއްޓަސް، އެކަމަށް ބަދަލެއް ނާންނާނެ،" 'ޓީއޫޑީއެން' އަށް ދިން އިންޓަވިއުއެއްގައި ވެލާ ބުންޏެވެ.
އާސެނަލުން ކެރިއަރު ފެށި ވެލާ ވަނީ މިސީޒަނުގެ އެމްއެލްސްގައި މިހާތަނަށް 14 ގޯލު ކާމިޔާބުކޮށްފައެވެ. ރެއާލް ސޮސިއެދާދުން 2018 ވަނަ އަހަރު އެލްއޭއެފްސީއާ ގުޅުނު ވެލާ ވަނީ އެ ކްލަބާއެކު އެމްއެލްއެސް ކަޕަކާއި ދެ ސީޒަނެއްގެ ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފައެވެ.
މެސީ ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ބާސާ އާއި ސައުދީ އަރަބިއާގެ އަލް ހިލާލުން ވެސް މަސައްކަތްތަކެއް ކުރިއެވެ. ބާސާއަށް އެ ކްލަބުގެ މާލީ ހާލަތާ ގުޅިގެން އުނދަގޫތަކެއް ކުރިމަތިވި އިރު، އަލް ހިލާލުން މެސީއަށް ބޮޑު މުސާރައެއް ހުށަހެޅިއެވެ. އަދި އިންޓަ މަޔާމީން މެސީއަށް ހުށަހެޅުމެއް ހުށަހަޅާފައިވަނީ އެޑިޑާސް އާއި އެޕަލްގެ އެހީތެރިކަމާއެކުއެވެ. އެ ކުންފުނިތަކުން ވަނީ މެސީއަށް ފައިދާގެ ހިއްސާއެއް ދިނުމަށް އެއްބަސްވެފައެވެ.