14 Jun 2023, 09:09
ޖޭމްސް ކެމެރަންގެ އެންމެ މަގުބޫލު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ބައި ރިލީޒް ކުރުމުގެ ތާރީޚު 2025އަށް ފަސްކޮށްފިއެވެ.
ދެހާސް ނުވައެއްގައި ރިލީޒް ކުރި "އެވެޓާ"ގެ އިތުރު ހަތަރު ބައެއް ގެނެސް ދޭން ނިންމާފައިވާ އިރު، ދެވަނަ ފިލްމެއް ނެރެފައިވަނީ 13 އަހަރު ފަހުން މިދިޔަ އަހަރުގައެވެ. އެތައް ފަހަރެއްގެ މަތިން ފިލްމު ޑިލޭ ކުރަމުން ގޮސް އެވެޓާގެ ދެވަނަ ބައި "ވޭ އޮފް ވޯޓާ" މިދިޔަ އަހަރު ޑިސެމްބަރު މަހުގައި އެޅުވި އިރު އެ ފިލްމުވީ މިދިޔަ އަހަރުގެ އެންމެ ބޮޑު ފިލްމަށެވެ.
އެވެޓާއަށް އޮތް މަގުބޫލުކަން މިދިޔަ އަހަރު ފެނިފައިވާއިރު އެ ފިލްމުވީ މުޅި ބޮކްސް އޮފީހުގެ ތާރީޚުގައި ވެސް ތިންވަނައަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށެވެ.
ފިލްމުގެ ދެވަނަ ބައެއްގެ ޝޫޓިންގެ މަސައްކަތް ކުރަމުން ދިޔައިރު އޭގެ ތިންވަނަ ބައެއްގެ މަސައްކަތް ވެސް ކުރަމުން ދިޔައީ އެކީގައެވެ. އަދި ކެމެރަން ބުނަމުން އައީ 2024ގެ ތެރޭގައި ފިލްްމުގެ ތިންވަނަ ބައެއް ރިލީޒްކޮށް ހަތަރުވަނަ ބައި 2025 ގައި ނެރެ، 2027 ގައި ފަހު ފިލްމު ރިލީޒް ކުރާނެ ކަމަށެވެ.
ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ކުންފުނި ޑިޒްނީއިން ވަނީ، އެވެެޓާގެ ތިންވަނަ ފިލްމަށްފަހު ހަތަރު ވަނަ ފިލްމު ދެން ނެރޭނީ 2029 ގައި ކަމަށާއި ފަހު ބައި ނެރޭނީ 2031 ގައި ކަމަށް ބުނެފައެވެ. މިއީ ތާވަލަށް ގެނައި ވަރަށް ބޮޑު ބަދަލެކެވެ.
އެވެޓާގެ ފިލްމުތައް ލަސްވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޑިޒްނީއިން މި ދެ އަހަރަށް ތާވަލުކޮށްފައިވާ ގިނަ ފިލްމުތަކެއް ޑިލޭ ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއިން އެއްވެސް ފިލްމެއް ލަސްކުރީ ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިހާރު އެމެރިކާގައި ކުރިއަށްދާ ލިޔުންތެރިންގެ ހަޅުތާލަކީ އޭގެ އެއް ސަބަބަށް ވެދާނެއެވެ.