ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖަޢާކުރެއްވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސްއިން ހުށަހެޅުއްވި ކަރުދާހަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހު، އެ މަޖިލީހުގެ ލަފާފުޅުގެމަތިންނެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއާ ގުޅޭގޮތުން ނިންމެވި ނިންމެވުމާ ގުޅޭ ތަފްޞީލުތައް ސަރުކާރުން ހާމަކުރައްވާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މާލީ އެހީގެ ގޮތުގައި މަހަކު 2,000 ރުފިޔާ ދެއްވަން ފަށްޓަވާފައި ވަނީ މީގެ 12 އަހަރު ކުރިންނެވެ. މިއީ އެހީ ދޭން ފެށި ފަހުން މި އެހީ މުރާޖަޢާކުރެވޭ ފުރަތަމަ ފަހަރެވެ.