13 Jun 2023, 18:56
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ހޯދުމުގެ މަސައްކަތް ޗެލްސީން ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ޗެލްސީން އެ މަސައްކަތް ފަށާފައި މިވަނީ، ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރަށް އާ ނުކުރާނެކަން އެންގުމަށް އެމްބާޕޭ ފޮނުވި ސިޓީއެއް ލީކުވެފައި ވަނިކޮށެވެ. އެހެންކަމުން ކޮންޓްރެކްޓް ނިމުމަކަށް އައުމުގެ ކުރިން އެމްބާޕޭ ވިއްކާ ނުލެވިއްޖެ ނަމަ، ޕީއެސްޖީން 2024 ވަނަ އަހަރު އޭނާ ދޫކޮށްލަން ޖެހޭނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ އަހަރުގެ މެއި މަހު އެމްބާޕޭ އާ ކުރުމުގެ ކުރިން ވެސް ޗެލްސީން ވަނީ އޭނާ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މިހާރު އަނެއްކާވެސް ޗެލްސީން އެމްބާޕޭ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަހުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޗެލްސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުން ވެސް ދަނީ އެމްބާޕޭ ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެމްބާޕޭއަށް އެންމެ ބޮޑަށް މަސައްކަތްކުރަމުންދަނީ ރެއާލުންނެވެ. ރެއާލަށް 14 އަހަރު ދުވަހުގެ މުއްދަތަކަށް ކުޅުމަށްފަހު، ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އެ ކްލަބު ދޫކޮށްލުމުން ރެއާލަށް ވަނީ ސްޓްރައިކަރެއް ހޯދުމަށް މަޖުބޫރުވެފައެވެ.
އުމުރުން 24 އަހަރުގެ އެމްބާޕޭ ހޯދުމަށް ރެއާލުން މަސައްކަތްކުރަމުންދިޔަ ނަމަވެސް، ދާދި ފަހުން އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެފައިވާ ގޮތުގައި ރެއާލަށް އެމްބާޕޭ ގެންނާނީ ކުރިއަށްއޮތް ސީޒަން ނިމުމުން، އަންނަ އަހަރުގެ ތެރޭގައެވެ.