13 Jun 2023, 18:34
ސްޓްރައިކަރެއް ހޯދުމަށް 100 މިލިއަން ޔޫރޯ ހަރަދުކުރުމަށް ބަޔާން މިއުނިކުން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޕޮލެންޑް ސްޓްރައިކަރު ރޮބާޓް ލެވަންޑޯސްކޯ ބަޔާން ދޫކޮށް، ބާސެލޯނާއާ ގުޅުނު ފަހުން ބަޔާނަށް ވަނީ އެ މަގާމަށް ކުޅޭނެ ކުޅުންތެރިއެއް ހޯދޭ ގޮތް ނުވެފައެވެ. ނަމަވެސް އެ މަގާމަށް ކުޅުންތެރިޔަކު ހޯދަން 100 މިލިއަން ޔޫރޯ ހަރަދުކުރަން މިހާރު ނިންމާފައިވާ ކަމަށް ބަޔާންގެ ރައީސް ހާބާޓް ހައިނާ ވަނީ ވިދާޅުވެފައެވެ.
ޖަރުމަންގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހައިނާ ވިދާޅުވީ އެންމެ މަތީ ފެންވަރުގައި ކުޅެވޭނެ ގިނަ އަދަދެއްގެ ސްޓްރައިކަރުން ނެތް ކަމަށާއި އެހެންކަމުން ހުރިހާ ކްލަބަކުން ވެސް މަސައްކަތްކުރަނީ އެއް ކުޅުންތެރިންތަކެއް ހޯދުމަށް ކަމަށެވެ.
"ބަޔާނުން ވެސް ރަންޑަލް ކޮލޯ މުއާނީ އާއި ހެރީ ކޭން އާއި ވިކްޓާ އޮސިމްހެން އަދި ޑުސާން ވްލަހޮވިޗްގެ ތެރެއިން ކުޅުންތެރިޔަކު ހޯދުމަށް މަސައްކަތްކުރާނަން. އަހަރެމެން ބަލާނަން އޭގެ ތެރެއިން ބަޔާނަށް އެންމެ އެކަށޭނެ ކުޅުންތެރިޔަކީ ކޮބައިތޯ. ރަނގަޅު ހައްލެއް ހޯދާނަން. ބަޔާނުން ސްޓްރައިކަރެއް ހޯދަން 100 މިލިއަން ޔޫރޯ ހަރަދުކުރާނަން. ނަމަވެސް އެ ޓްރާންސްފާ ވެގެންދާނީ ރަނގަޅު ޓްރާންސްފާއަކަށް،" ބަޔާންގެ ރައީސް ހައިނާ ވިދާޅުވިއެވެ.
މެންޗެސްޓާ ޔުނައިޓެޑުން ވެސް ދަނީ ސްޓްރައިކަރެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޔުނައިޓެޑުން ވަނީ ޓޮޓެންހަމް ހޮޓްސްޕާގެ ކޭން އާއި ނަޕޯލީގެ އޮސިމްހެންއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.