ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރަށް އާ ނުކުރާނެކަން އަންގާފައިވާނެ ކަމަށް އެ ކްލަބުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އުމުރުން 24 އަހަރުގެ އެމްބާޕޭގެ ކޮންޓްރެކްޓް އިތުރަށް އާ ނުކުރާނެކަން އެންގުމަށް ޕީއެސްޖީއަށް ފޮނުވި ސިޓީ ވެސް ދާދި ފަހުން ވަނީ ލީކުވެފައެވެ.

އެކަމާ ގުޅޭގޮތުން އޭއެފްޕީ މެދުވެރިކޮށް އެމްބާޕޭ ނެރުނު ބަޔާނެއްގައި އޭނާ ބުނީ 2024 ވަނަ އަހަރަށްވުރެ އިތުރަށް ކޮންޓްރެކްޓް އާ ނުކުރާނެކަން ޕީއެސްޖީއަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އަންގާފައިވާނެ ކަމަށާއި އެ ސިޓީއަކީ އެކަން އެންގުމަށް ފޮނުވި ސިޓީއެއް ކަމަށެވެ.

"އަހަރެން އެހެން ކްލަބަކަށް ދޫކޮށް ދިނުމަށް އެދިފައެއް ނުވާނެ. ނަމަވެސް އަހަރެން ސިޓީގައި ޔަގީންކަން ދީފައިވާނީ އިތުރަށް ކޮންޓްރެކްޓް އާ ނުކުރާނެކަން،" އެމްބާޕޭ ނެރުނު ބަޔާނުގައި ބުންޏެވެ.

ޕީއެސްޖީއަށް ކޮންޓްރެކްޓް އާ ނުކުރެވިއްޖެ ނަމަ، އޭނާ އަންނަ އަހަރު އެ ކްލަބު ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ރެއާލް މެޑްރިޑާއި ޗެލްސީން އެމްބާޕޭ ހޯދުމަށް މަސައްކަތްކުރަމުންދާ އިރު، ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ޕީއެސްޖީން އޭނާ ވިއްކާލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވުމާ ގުޅިގެން އާޖެންޓީނާ ތަރި ލިއޮނެލް މެސީ ވެސް އެ ކްލަބު ދޫކޮށްލާފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. މެސީ ދެން ފެންނާނީ އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އެމެރިކާ ކްލަބު، އިންޓަ މަޔާމީންނެވެ.