14 Jun 2023, 08:44
ހިންދީ ސިނަމާގެ އެންމެ އުއްމީދީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކްރިތީ ސެނޮން ފިލްމު ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ކްރިތީ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމީ ޕްރޮޖެކްޓަކީ ޑިޖިޓަލް ޕްލެޓްފޯމަކަށް އުފައްދާ ޕްރޮޖެކްޓެކެވެ. އަދި މި އޯޓީޓީ ޕްރޮޖެކްޓުގެ ބަތަލާގެ ރޯލްވެސް ކުޅޭނީ ޚުދު ކްރިތީއެވެ.
ކްރިތީ ފިލްމު އުފެއްދުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވީ ފިލްމީ ދާއިރާއަށްހުރި ޝައުޤުވެރިކަމާއެކު ރީތި ހިތްގައިމު ވާހަކަތަކެއް ބެލުންތެރިންނަށް ފޯރުކޮށްދިނުމަށް ހިތުގައި އޮތް ޝައުގެއްގެ ބޮޑުކަމުން ކަމަށް އޭނާ ބުނެފައިވެއެވެ. ކްރިތީ ބުނެފައިވަނީ އިންޑިއާ ފަދަ ބޮޑު ގައުމެއްގައި ދުނިޔޭގެ ގިނަ ބަޔަކަށް ކިޔައިދެވޭނެ ގިނަ ވާހަކަތަކެއް އެބަހުރިކަމަށް ދެކޭކަމަށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނީ ކްރިތީ އުފައްދަން އުޅޭ ޕްރޮޖެކްޓުގެ ސްކްރިޕްޓް އަޑު އެހުމަށްފަހު އެކްޓުކުރުމުގެ އިތުރުން މިޕްރޮޖެކްޓު ޕްރޮޑިއުސްކުރުމަށްވެސް އޭނާ ޝައުގުވެރިވީކަމަށެވެ. ކުރިޔަށް އޮތް އަހަރު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ ދިހަ އަހަރު ފާހަގަކުރާ ބަތަލާގެ މިޕްރޮޖެކްޓު ރިލީޒްކުރާނީވެސް ޑިޖިޓަލް ޕްލެޓްފޯމެއްގައިކަން މިހާރުވަނީ ކަށަވަރުވެފައެވެ.
ފިލްމު "މިމީ"، "ބަރޭލީކީ ބަރުފީ" އަދި "ލުއްކާ ޗުއްޕީ"ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބަތަލާ އެންމެ އަވަހަށް ފެންނާނީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "އަދިޕުރުޝް"އިންނެވެ. މިފިލްމުވަނީ ނިއުޔޯކްގައި އިއްޔެ ކުރިޔަށްދިޔަ ޓްރައިބެކާ ފެސްޓިވަލުގައި ޕްރިމިއާކޮށްފައެވެ.
ކްރިތީގެ އެންމެފަހުން ރިލީޒްކުރި ފިލްމަކީ މިއަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ފިލްމު "ޝެހެޒާދާ"އެވެ. ކްރިތީ އިތުރަށް މަސައްކަތް ފަށާފައިވާ ފިލްމުތަކުގެތެރޭ އެކްޓަރު ޓައިގަ ޝްރޮފްއާއެކު ކުޅޭ ފިލްމު "ގަންޕަތު – ޕާޓް1"، "ދަ ކްރޫ" އަދި ވަކި ނަމެއް ހަމަޖެހިފައިނުވާ ފިލްމެއް ހިމެނެއެވެ. މިއީ އެކްޓަރު ޝާހިދު ކަޕޫރާއެކު ކްރިތީ ފެންނާނެ ފިލްމެކެވެ.