13 Jun 2023, 18:37
ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާ ގުޅިގެން ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާތާ އެތައް ދުވަހަކަށް ފަހު ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މަޖިލީހުގެ ދަފްތަރަށް ބަދަލު އައިސްފައިވަނީ އެމްޑީޕީގެ 13 މެމްބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެންނެވެ. އެގޮތުން ކޮމިޓީތައް އަލުން އެކުލަވައިލަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ނިންމަވާފައެވެ.
އެ މަސައްކަތް މަޑުޖެހިފައި ވަނީ މަޖިލީސް ތަމްސީލް ކުރައްވާ ސިޔާސީ ޕާޓީތަކުގެ މެދުގައި އެކަމާ މެދު އެއްބަސް ވުމަކަށް އާދެވިފައި ނުވާތީއެވެ.
މިކަމާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، ފޮރިން މިނިސްތަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ ގަރާރުތައް ހިމެނޭހެން ހަތަރު މައްސަލައެއް ކުރިއަށް ނުގޮސް ވަނީ މަޑުޖެހިފައެވެ.
މާދަމާގެ އެޖެންޑާގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސަބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.